ޚަބަރު

ސައުދީގެ ހުށަހެޅުމަކަށް ނޫނެކޭ ބުނެފައިވާ ކަމަށް ލިވަޕޫލްގެ ކީޕަރު ބެކާ ބުނެފި


ސައުދި އަރަބިއްޔާގެ ކްލަބެއްގެ ހުށަހެޅުމަކަށް މި ހޫނު މޫސުމުގައި ނޫނެކޭ ބުނެފައިވާ ކަމަށް ލިވަޕޫލްއަށް ކުޅެމުންދާ ބްރެޒިލްގެ ގޯލުކީޕަރު އެލިސަން ބެކާ ބުނެފި އެވެ.

ސައުދީގެ ހުށައެޅުމާއި ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަމުން ބެކާ ބުނެފައިވަނީ ލިވަޕޫލްގައި އޭނާ އާއި އޭނާގެ އާއިލާ ހޭދަކުރަމުންދަނީ އުފާވެރި ދުވަސްތަކެއް ކަމަށެވެ. އަދި 2026 ގެ ނިޔަލަށް އޭނާ ލިވަޕޫލް އާއިއެކު ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރަން ބޭނުންވާ ކަމަށާއި ނުވަތަ އެކްލަބާއިއެކު އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން ބޭނުންވާ ކަމަށެވެ.

ބެކާ އިތުރަށް ބުނެފައިވަނީ ސައުދީގެ ހުށައެޅުންތަކުގެ އަދަދުތައް ފެނުމުން ބައެއް ކުޅުންތެރިންގެ ޝައުގުވެރިކަން ބޮޑުވެގެންދާ ކަމަށާއި އެއީ އާންމު ކަމެއް ކަމަށެވެ. އަދި މިއީ ސައުދީ އަށް ބަދަލުވާން ރަގަޅު ވަގުތު ނޫންކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބެކާ އާއިއެކު ލިވަޕޫލްއަށް ކުޅެމުންދިޔަ ފަބީނިއޯ، ރޮބާޓޯ ފަރމީނިއޯ އަދި ޖޯޑަން ހެންޑަސަން ވަނީ އެ ކްލަބް ދޫކޮށް ސައުދީގެ ކްލަބްތަކަށް ބަދަލުވެފައެވެ.

ސައުދީގެ ކްލަބަކުން ބެކާއަށް ހުށައެޅުމެއް ލިބިފައިވާއިރު، ލިވަޕޫލް އިން ދަނީ ވެލެންސިއާއަށް ކުޅެމުންދާ ޖޯޖިއާގެ އުމުރުން 23 އަހަރުގެ މަމަރްދަޝްވިލީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުގައި ލިވަޕޫލް އިންވަނީ އޭނާ އަށް 30 މިލިއަން ޕައުންޑުގެ ހުށައެޅުމެއް ހުށައަޅާފަ އެވެ.

2018 ވަނަ އަހަރު އިޓަލީގެ ރޯމާއިން 66.8 މިލިއަން ޕައުންޑަށް ލިވަޕޫލް އާއި ގުޅުނު ބެކާ ވެފައިވަނީ އޭރު ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާ ހެދި ގޯލުކީޕަރަށެވެ.

ބެކާ ވަނީ ލީވަޕޫލް އަށް މިހާތަނަށް 261 މެޗު ކުޅެދީ އެކްލަބާއިއެކު ޕްރިމިއާ ލީގު، ޗެމްޕިއަންސް ލީގު، އެފްއޭ ކަޕް، އީއެފްއެލް ކަޕްގެ އިތުރުން ފީފާ ކްލަބް ވޯލްޑްކަޕް ކާމިޔާބުކޮށްފަ އެވެ.