ޚަބަރު

އެންޑްރިކުގެ ލަނޑާއެކު ރެއާލް މެޑްރިޑަށް މޮޅެއް


ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ވަޔަޑޮލިޑް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް އިން ކާމިޔާބުކޮށްފި އެވެ. މި މެޗުގައި ރެއާލް މެޑްރިޑާއި އަލަށް ގުޅުނު އެންޑްރިކް ވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރާ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

މެޑްރިޑްގެ ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ އެމްބާޕޭ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ މެޗުގައި އޭނާގެ ފަރާތުން ގޯލެއް ފެންނާނެ ކަމަށެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ފަސްވަނަ މިނިޓްގައި ފެޑެރީކޯ ވަލްވާޑޭ ވަނީ ލަނޑެއް ކާމިޔާބުކޮށްފި އެވެ. މި ލަނޑާއެކު ރެއާލްގެ އިތުބާރު ބޮޑުވެ ގިނަ ހަމަލަތަކެއް އުފައްދާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ރެއާލް މެޑްރިޑްއިން މި މެޗުގައި ޖެހި ދެވަނަ ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައިވަނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ދެވަނަ ހާފްގެ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ބްރާހިމް ޑިއާޒް އެވެ.

ރެއާލްގެ ކޯޗް ކާލޯ އެންޗެލޮއްޓީ ވަނީ މެޗުގެ 87 ވަނަ މިނިޓްގައި އެމްބާޕޭގެ ބަދަލުގައި އުމުރުން އެންމެ އަށާރަ އަހަރުގެ އެންޑްރިކް ކުޅެން އަރުވާފައެވެ.

މި މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފައިވަނީ މެޗުގެ އުތުރު ވަގުތުގެ ކުޅުމުގައި އެންޑްރިކް އެވެ. މިއީ އޭނާ ރެއާލް މެޑްރިޑަށް ކުޅުނު ފުރަތަމަ މެޗެވެ.

ބްރެޒިލްއަށް އުފަން އެންޑްރިކް ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރ މަހު ރެއާލް މެޑްރިޑަށް ބަދަލުވުމަށް އެއްބަސްވެފަ އެވެ. ނަމަވެސް އޭރު އޭނާއަށް އެ ކްލަބާށް ނާދެވުނީ ފީފާގެ ގަވާއިދުތައް ބުނާ ގޮތުން އުމުރުން 18 އަހަރު ނުވާ ކުޅުންތެރިންނަށް ގައުމުން ބޭރުގައި ކުޅުން މަނާ ކުރާތީއެވެ. އެންޑްރިކް ރެއާލް މެޑްރިޑާއި ގުޅިފައިވަނީ މިދިޔަ ޖުލައި މަހުއެވެ.