ގަވާއިދާ ޚިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދިޔަ އިތުރު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ގަވާއިދާ ޚިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއެއްގެ މަޢުލޫމާތު ޓާސްކު ފޯސްއަށް ލިބުމާގުޅިގެން، މިމަހުގެ 24 ވަނަ ދުވަހު ހ.ބިއަންކާ ބަލައި ފާސްކޮށްފައިވާކަމަށެވެ.
އަދި އެތަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މިރެއިޑުގައި ކަމާއިގުޅުންހުރި އިދާރާތަކުން ބައިވެރިވެފައިވާކަމަށާއި އެތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި، ބިދޭސީން ރާއްޖޭގައި ކުރަމުންދާ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް ލިބިފައިވާ މަޢުލޫމާތަކާއެކު، 2024 އޮގަސްޓު 24 ވަނަ ދުވަހު ވަނީ ހ.ބިއަންކާ (މާލެ)، ބަލައި ފާސްކޮށްފައި. އަދި މިތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދާ 15… pic.twitter.com/McwWd6noA1
— Maldives Immigration (@ImmigrationMV) August 26, 2024
އިމިގްރޭޝަނުން ވަނީ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް ރައްޔިތުން ދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.
ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި ޚާއްޞަ އޮންލައިން ޕްލެޓްފޯމެއްވެސް ތަޢާރަފްކޮށްފައެވެ. އިމުގާ ޕޯޓަލް މެދުވެރިކޮށް ރިޕޯޓްކުރެވޭ ގޮތަށް ތަޢާރަފް ކުރި މި ޕްލެޓްފޯމްގެ ތެރެއިން ކާކުކަން ނެނގޭގޮތަށްވެސް މައްސަލަތައް ރިޕޯޓް ކުރެވޭނެއެވެ. ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަތައް މިނިޒާމުގެ ތެރެއިން ރިޕޯޓް ކުރަމުން ދިއުމަށް އިމިގްރޭޝަނުންވަނީ އެދިވަޑައިގެންފައެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ޕޯޓަލަށް މިހާތަނަށް 300 އަށްވުރެ ގިނަ މައްސަލަ ރިޕޯޓްކޮށްފައިވާކަމަށެވެ.