ޚަބަރު

މާލޭގެ މިސްކިތްތަކުގައި ޚުޠުބާ ކިޔާ މީހުންގެ ދަފްތަރު އަލުން މުރާޖާކުރަނީ


  • ދަފްތަރު މުރާޖައާ ކުރަނީ ޚުތުބާ އިއްވުމުގައި ބައެއް ފަރާތްތަކުން ކުށްކިޔާ ކަމަށް ޝަކުވާ ލިބޭތީ

  • މި މަސައްކަތުގައި އިލްމީ، ޤާބިލު، އަދި ހުނަރުވެރި ބޭފުޅުންނަށް އިސްކަންދޭނެ

  • އަތޮޅު ތެރޭގައި ޒުވާން ތައުލީމީ ޙަތީބުންނާއި އިމާމުން ނެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން

މާލޭ ސިޓީގެ މިސްކިތްތަކުގައި ހުކުރު ޚުޠުބާ އިއްވާ ފަރާތްތަކުގެ ދަފްތަރު އަންނަ ހަފުތާގައި މުރާޖާ ކުރުމަށް ނިންމާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.

ވަަޒީރު މިހެން ވިދާޅުވީ، ޚުޠުބާ އިއްވުމުގައި ބައެއް އިމާމުން ކުށްކިޔާ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރުމާއި ގުޅިގެންނެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވީ، ޚުޠުބާ ކިޔާ ފަރާތްތަކުން ކުށްކިޔާކަމަށް އެ ވުޒާރާއަށް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެހެންކަމުން މާލޭ ސަރަހައްދުގައި ޚުޠުބާ އިއްވާ ފަރާތްތަކުގެ ދަފްތަރު އަލުން މުރާޖާ ކުރުމަށް ނިންމާފައިވާކަމަށެވެ.

އެގޮތުން އަންނަ ހަފްތާގައި ޚުޠުބާ އިއްވާ ފަރާތްތަކުގެ ދަފްތަރު މުރާޖާ ކުރުމުގެ މަަސައްކަތް ފަށާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގައި އިލްމީ، ޤާބިލު، އަދި ހުނަރުވެރި ބޭފުޅުންނަށް އިސްކަންދޭނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

"މި ވުޒާރާއަށްވެސް ޝަކުވާ ލިބެމުންދަނީ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ އެލިސްޓު އިތުރަށް މުރާޖާކުރަން." ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މާލެ ސަރަޙައްދުގެ އިތުރުން އަތޮޅުތަކުގައިވެސް ޒުވާން، ތަޢުލީމީ ޚަޠީބުންނާއި އިމާމުން އުފެއްދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިގޮތުން، އިމާމުން ތަމްރީނުކުރުމުގެ ޕްރޮގްރާމާއި ޒުވާން ޚަޠީބުން ތައްޔާރުކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ޚުޠުބާ ކިޔާ މީހުންގެ އަދަދު ވަރަށް މަދުކަމަށާއި، މި ދާއިރާއިން ޤާބިލު މީހުން އުފެއްދުމުގެ މަސައްކަތްވެސް ކުރެވެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.