ޚަބަރު

ބަންގްލަދޭޝްގައި ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ ބޮޑު


ބަންގްލަދޭޝަށް ދާދި ފަހުން ކުރި ވިއްސާރައިގައި ބޮޑު ސަރަޙައްދެއްގައި ފެންބޮޑުވުމާ ގުޅިގެން ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް ޢާންމުވުމުގެ ނުރައްކާ އިތުރުވެއްޖެއެވެ. ފެންބޮޑުވުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި އެ ޤައުމުން 54 މީހުން މަރުވެ, އެތަކެއް މިލިޔަން ބަޔަކު ގެދޮރުގައި ތާށިވިއެވެ. ފެނުގެ ޒަރީރާއިން ފެތުރޭ ބަލިތަކުގެ ނުރައްކާ އިތުރުވުމާ އެކު, ހާލުގައި ޖެހިފައިވާ މީހުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް އިދާރާތަކުން ވަނީ ފަށާފައެވެ.

ފެންބޮޑުވެފައިވާ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ބަޔަކު އަދިވެސް ތިބީ ތާށިވެފައެވެ. އަދި, ކާބޯތަކެއްޗާއި ސާފު ބޯފެނުގެ އިތުރުން ބޭހާއި ބޭސް ފަރުވާއަށް ބޭނުންވާ ސާމާނަށް ޖެހިފައެވެ. ފެންބޮޑުވުމާ ގުޅިގެން މަގުތައް ބަންދުވެ, ގެދޮރުގައި ތާާށިވެފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ވެސް އެ ޤައުމުގެ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިއީ, ފާއިތުވި ތިން ދަހަރެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ އެންމެ ބޮޑު ކާރިސާއެވެ.

ބަންގްލަދޭޝްގެ މޫސުމާ ބެހޭ އިދާރާއިން ބުނީ, ބައެއް ސަރަޙައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިނދެން ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި, ވިއްސާރަ މޫސުމާ އެކު ކުރިއަށް އޮތް މަސްތަކުގައި ވެސް އެ ޤައުމުގެ ބޮޑު ސަރަޙައްދަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

ފެންބޮޑުވުމާ ގުޅިގެން ހާލުގައި ޖެހިފައިވާ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިދާރާތަކުން ވަނީ 3,300 ވަގުތީ ހިޔާ ގާއިމު ކޮށްފައެވެ. އަދި, އެ ތަންތަނަށް ބަދަލު ކޮށްފަައިވާ މީހުންގެ ޢަދަދު 470,000އަށް އަރައެވެ. އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެ ޤައުމުގެ އަސްކަރިއްޔާއާއި ސަރަޙައްދީ ރޮނގު ބަލަހައްޓާ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ބަންގްލަދޭޝްގެ ކާރިސާތަކާ ބެހޭ އިދާރާގެ އޮފިޝަލަކު ބުނީ, ހާލުގައި ޖެހިފައިވާ މީހުންނަށް މި ވަގުތު އޮތް އެންމެ ބޮޑު ނުރައްކަލަކީ ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ކަމުގައެވެ. "އިދާރާތަކުން މި ވަގުތު އެންމެ އިސްކަމެއް ދީފައި ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ސާފު ބޯފެން ފޯރު ކޮށްދިނުމަށް،" އެ އޮފިޝަލު ބުންޏެވެ.

ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތައް ބަންގްލަދޭޝްގެ އެކި ސަރަޙައްދުތަކުން މިހާރު ވެސް ދަނީ ފެންނަމުންނެވެ. އެ ޤައުމުގެ ޞިއްޙީ އިދާރާތަކުން ބުނީ, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ވެސް ފެނުގެ ޒަރީއާއިން ފެތުރޭ ނުރައްކާތެރި ބަލިތަކުގެ ސަބަބުން 3,000އަށްވުރެ ގިނަ މީހުން ހަސްފަތާލުތަކުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުނު ކަމުގައެވެ.

"ހުރިހާ ތަނެއްގައި ވަނީ ފެން ބޮޑުވެފައި. ނަމަވެސް, ސާފު ބޯފެން ލިބޭނެ އެއްވެސް ގޮތެއް ނެތް،" ފެންބޮޑުވެފައިވާ ލަކްޝްމީޕޫރުގައި ދިރިއުޅޭ ޢާންމު ރައްޔިތެއް ކަމުގައިވާ ފަރީދު އަޙްމަދު ބުންޏެވެ. ފެންބޮޑުފައިވާ ސަރަޙައްދުތަކުގައި ތާށިވެފައިވާ މީހުންނަށް ޞިއްޙީ ފަރުވާދޭ މަރުކަޒުތަކަށް ދަތުރު ކުރުމަށް ދަތިވެފައިވާ ކަމުގައި އިދާރާތަކުން ބުންޏެވެ. އެ ޤައުމުގެ ދަނޑުވެރިކަމާ ބެހޭ އިދާރާއިން ބުނީ ފެންބޮޑުވުމާ ގުޅިގެން ގިނަ ޢަދަދެއްގެ ދަނޑުބިންތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ, ޔުނިސެފުން ބުނީ ބަންގްލަދޭޝްގައި ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ 2 މިލިޔަނަށް ވުރެ ގިނަ ޢަދަދެއްގެ ކުޑަކުދިންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައެވެ. އަދި, އެ ކުދިންގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް 35 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ބޭނުންވާނެ ކަން ހާމަކޮށް, ޔުނިސެފުން ވަނީ އެ ފައިސާ ފޯރުކޮށްދިނުމަށް އެހީދޭ ޤައުމުތަކުގެ ކިބައިން އެދިފައެވެ.

"ބަންގްލަދޭޝަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާއާ ގުޅިގެން ގިނަ ޢަދަދެއްގެ ކުޑަކުދިންގެ ފުރާނައަށް ނުރައްކާވުމުން ސާފުވި ޙަޤީޤަތަކީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ ގުޅިގެން ކުޑަކުދިންނަށް އޮތް ނުރައްކާ އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަން،" ބަންގްލަދޭޝްގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓެޓިވްގެ ނައިބު އެމާ ބްރިންގހެމް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ވިއްސާރަ މޫސުމުގައި ބަންގްލަދޭޝްގެ ކޯރުތައް ފުރިގެން ބަންޑުންވުމާ ގުޅިގެން, ކޯރުތަކުގެ އައްސޭރިފަށުގައި ދިރިއުޅޭ 3.5 މިލިޔަން މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމުގައި ވޯލްޑް ބޭންކުން 2015ވަނަ އަހަރު ޝާއިޢު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެއެވެ. ސައިންސްވެރިން ބުނީ, މޫސުމީ ބަދަލުތަކާ އެކު, ބަންގްލަދޭޝަށް ކުރިމަތިވާ ފެންބޮޑުވުމުގެ ކާރިސާގެ ނުރައްކާ އަދި ބިރުވެރިކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ކަމުގައެވެ.

ބަންގްލަދޭޝަކީ ޖައްވަށް ވިހަ ގޭސްތައް ބޭރުކުރާ ޤައުމުތަކުގެ ލިސްޓުގެ ތިރީގައި އޮތް ޤައުމެކެވެ. ނަމަވެސް, ބަންގްލަދޭޝްގައި ހަރަކާތްތެރިވާ އެހީދޭ ޖަމުޢިއްޔާއެއް ކަމުގައިވާ އެކްޝަންއެއިޑް ބަންގްލަދޭޝްގެ ޑިރެކްޓަރު ފަރަޙަ ކަބީރު ވިދާޅުވީ, މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ގިނަ ޢަދަދެއްގެ ބަޔެއްގެ ފުރާނައަށް ނުރައްކާވަމުންދާ ޤައުމުތަކުގެ ލިސްޓުގެ އެންމެ ކުރީ ސަފުގައި އެ ޤައުމު އޮތް ކަމުގައެވެ.