ޚަބަރު

ހާލަންޑުގެ ހެޓްރިކާއެކު ސިޓީ އެއްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި އާލިން ހާލާންޑުގެ ހެޓްރިކާއެކު މެންޗެސްޓާ ސިޓީން މޮޅުވެ ތާވަލުގެ އެއްވަނަ ހޯދައިފިއެވެ.

ލަންޑަނުގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާ އަކުންނެވެ. ނޯވޭ އަށް އުފަން ހާލަންޑް ވަނީ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައިވެސް ހެޓްރިކެއް ހަދާފަ އެވެ. މި މެޗުން މޮޅުވުމާއެކު ސިޓީ ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ނުވަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. އަދި ލީގުގައި ކުޅުނު ތިން މެޗުން ސިޓީ 9 ލަނޑު ކާމިޔާބު ކޮށްފައިވާއިރު, ހާލަންޑް ވަނީ ހަތް ލަނޑު ޖަހާފަ އެވެ.

ހާލަންޑް ވަނީ މެޗުގެ ދިހަ ވަނަ މިނިޓްގައި ވެސްޓް ހޭމްގެ ގޯލު ހުޅުވާލާފަ އެވެ. މި ލަނޑު އޭނާ ކާމިޔާބު ކޮށްފައިވަނީ ބަނާޑޯ ސިލްވާ ދިން ބޯޅަ ހިފައިގެން ގޮސް އޭރިޔާ ތެރެއަށްވަދެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސިޓީން ލަނޑެއް ޖަހައި ލީޑު ނެގިތާ ގިނައިރުތަކެއް ނުވަނީސް ވެސްޓް ހޭމްއިން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑަކީ ކައުންޓަރ އެޓޭކެއްގައި ޖެރޮޑް ބޮވެން އަރިމަތިން ހުރަސް ކުރި ބޯޅައެއް ރުބެން ޑިއަސްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ.

ސިޓީއަށް ދެވަނަ ފަހަރަށް ލީޑު ނަގައި ދީފައިވަނީ މެޗުގެ 30 ވަނަ މިނިޓްގައި ހާލަންޑް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ލަނޑަކީ އޭރިޔާ ތެރޭގައި ހުރެ ގޯލުގެ މަތީ ދާގަނޑަށް ފޮނުވާލައިގެން ކާމިޔާބު ކުރި ލަނޑެކެވެ.

މި މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް އެއްވަރު ކުރުމަށް ވެސްޓް ހޭމްއަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ގިނައިރުތަކެއް ނުވަނީސް މުހައްމަދު ކުޑޫސް ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ ދަނޑި އަށެވެ.

މި މެޗުގައި ސިޓީން ޖެހި ތިންވަނަ ލަނޑު މެޗުގެ 83 ވަނަ މިނިޓުގައި ހާލަންޑް ކާމިޔާބުކޮށްފައިވަނީ ބޯޅަ ހޯދުމަށް ކީޕަރު ކުރިއަށް ޖެހިލި ވަގުތު އޭނާގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު, އެސްޓަން ވިލާ ވަނީ 2-1 ގެ ނަތީޖާ އަކުން ލެސްޓަރ ސިޓީ ބަލިކޮށްފަ އެވެ. އަދި ފުލަމް އާއި އިޕްސްވިޗް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެފައިވާއިރު ބޯންމަތު ވަނީ 3-2 ގެ ނަތީޖާއަކުން އެވަޓަން ބަލިކޮށްފަ އެވެ.