ޚަބަރު

މަނަދޫ ބަލިކޮށް ޗެމްޕިއަންކަން މަގޫދުއަށް


  • މަގޫދޫ މޮޅުވީ 0-5 އިން

  • ފައިނަލް ކުޅުނީ މަނަދޫގައި

އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން މަގޫދޫއިން ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން މަގޫދުއިން ހޯދީ، ފައިނަލް މެޗުގައި، އަތޮޅު މުބާރާތުގެ ހޯސްޓު، މަނަދޫގެ މައްޗަށް 0-5 އިން ކުރިހޯދައިގެންނެވެ.

މަގޫދޫ ޓީމުން ތަފާތު މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ހާފުގައި އެޓީމުން ދެލަނޑުގެ ލީޑެއް ނެގިއެވެ. މި ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އިހޫޝާނާއި ސައުދު މުޙައްމަދެވެ.

ދެވަނަ ހާފު ފަށައިގެން ވެސް މޮޅަށް ކުޅުނު މަގޫދޫއިން، މި ހާފުގައި އިތުރު ތިން ލަނޑު ޖެހިއިރު، ފުރަތަމަ ލަނޑު ޖަހައިދިނީ އެޓީމުން މެޗުގައި ޖެހި ދެވަނަ ލަނޑު ކާމިޔާބުކޮށްދިން ސައުދުއެވެ.

އަދި މި މެޗުގައި މަގޫދޫއިން ޖެހި ފަހު ދެލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އިރުޝާދުއެވެ.

މި މޮޅާއެކު މަގޫދޫއިން އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕުގެ ނ. އަތޮޅުގެ ޗެމްޕިއަންކަން ހޯދިއިރު މުބާރާތުގައި އެ އަތޮޅުން ޖުމްލަ ހަތަރު ޓީމު ބައިވެރިވެފައިވެއެވެ.

އެހެންކަމުން މި އަތޮޅުގެ މެޗުތައް ކުޅުނީ ރައުންޑް ރޮބިން އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެޓީމެއް ފައިނަލުގައި ކުޅޭ ގޮތަށެވެ. ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމުނުއިރު ގޯލު ތަފާތުން ކުރި ލިބި، ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ މަނަދޫއެވެ. މަގޫދޫއަށް ވެސް ހަ ޕޮއިންޓު ލިބިފައިވެއެވެ.