ޚަބަރު

ރެއާލްގެ ދަށް ނަތީޖާތަކާ މެދު އަދި ހާސްކަމެއް ނެތް: އަންޗެލޮޓީ


ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި ސީޒަނުގައި އަދި ރަނގަޅު ނަތީޖާތަކެއް ހޯދިފައިނުވި ނަމަވެސް، އެކަމާ މެދު ހާސްކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.

ލީގުގައި މިރޭ ރެއާލް ބެޓިސް އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނެފައިވަނީ ލީގު ޗެމްޕިއަން ކަމާއި ޗެމްޕިއަންސް ލީގު ހޯދުމަށްފަހު އާ ސީޒަނުގެ ކުރިކޮޅު ދަށް ނަތީޖާތަކެއް ނިކުތުމާއި ގުޅިގެން ފާޑު ކިއުން އަމާޒުވިނަމަވެސް އެއީ އާންމު ކަމެއް ކަމަށާއި އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ފާޑު ކިޔާނެ ކަމަށެވެ.

އަންޗެލޮޓީ އިތުރަށް ބުނެފައިވަނީ ލީގުގައި މިހާރު އެ ކްލަބު އޮތް ހިސާބާއިމެދު އޭނާ ވެސް ހިތްހަމަ ނުޖެހޭ ކަމަށާއި އެއީ އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދު ހަތަރު ޕޮއިންޓްގެ ތަފާތެއް ހުރެގެން ނޫން ކަމަށާއި އެއީ އެ ޓީމުން ދައްކާ ދަށް ކުޅުމުގެ ސަބަބުން ކަމަށެވެ.

މި ސީޒަނުގައި އަލަށް ރެއާލް މެޑްރިޑާއި ގުޅުނު ފްރާންސްގެ ކިލިއަން އެމްބާޕޭ އެ ކްލަބަށް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު އަދި ލަނޑެއް ކާމިޔާބު ނުކުރެވެއެވެ. އަދި އެކަމަށް ގިނަ ބައެއްގެ ފާޑު ކިއުން އަމާޒުވެފައި ވަނިކޮށް އަންޗެލޮޓީ ބުނެފައިވަނީ އެމްބާޕޭ އެ ޓީމަށް ހޭނެމުންދާ ގޮތާއިމެދު ހިތްހަމަ ޖެހޭ ކަމަށެވެ. އޭނާގެ ފަރާތުން ގޯލެއް ނުފެނުނު ނަމަވެސް ދައްކާ ކުޅުމާއިމެދު ހިތްހަމަޖެހޭ ކަމަށެވެ.

އަދި ކުރިއަށް އޮތްތަނުގައި އެމްބާޕޭ އާއި އެ ޓީމުގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިންގެ ގުޅުން ދަނޑުމަތިން ފެނިގެންދާނެ ކަމަށާއި މިހާރުވެސް އެކަން ފެންނަމުންދާ ކަމަށެވެ.

ލީގުގައި މިހާތަނަށް ރެއާލް މެޑްރިޑް ކުޅުނު ތިން މެޗުން އެ ޓީމަށް ލިބިފައިވަނީ ފަސް ޕޮއިންޓާއެކު ތާވަލުގެ ފަސް ވަނަ އެވެ.