ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އެއް ދުވަހުގެ ތެރޭގައި އިތުރު 48 މީހުން ޝަހީދު ކޮށްލައިފިވެ. ޣައްޒާގައި ހިންގަމުންދާ ޢުދުވާން އިތުރަށް ފުޅާކޮށްފައި ވަނީ, އެ ސަހަރުގައި ހަލުވިކަމާ އެކު ނުރައްކާތެރި ބައްޔެއް ކަމުގައިވާ ޕޯލިޔޯ ވައިރަސް ފެތުރުން ހުއްޓުވުމަށް ވެކްސިން ޖަހައިދިނުމަށް ކެމްޕޭނެއް ފެށުމަށް އދއާއި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ތައްޔާރުވެފައިވާ ދަނޑިވަޅެއްގައެވެ.
ޣައްޒާގެ 640,000އެއްހާ ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ ޕުރޮގުރާމު ސެޕްޓެންބަރު 1ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޔަހޫދީ ފައުޖުން ވަނީ ވަކިވަކި ސަރަޙައްދުތަކުގައި ޢުދުވާން ހިންގުން ތިން ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލަން އެއްބަސްވެފައެވެ. ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ އިސްވެރިޔާ ރިޗަރޑް ޕީޕަރކޯން ވިދާޅުވީ, ޣައްޒާގެ ވަކިވަކި ސަރަޙައްދުތަކުގައި ކޮންމެ ދުވަހަކު ވެސް ހެނދުނު 6ން މެންދުރުފަހު 3އަށް ޢުދުވާން ހިންގުން މެދުކަނޑައިލާނެ ކަމުގައެވެ. ކޮންމެ ކުއްޖަކަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދޭން ޖެހޭތީ, ވެކްސިން ކެމްޕޭން ކުރިއަށް ގެންދާނީ ދެ މަރުހަލާއަކަށް ބަހައިލައިގެންނެވެ.
ވެކްސިން ކެމްޕޭން ކުރިއަށްގެންދާ ތިން ދުވަހު ޣައްޒާގެ މެދުތެރޭގެ ސަރަޙައްދުތަކަށް, ކަނޑައަޅާފައިވާ ވަގުތުތަކުގައި ޙަމަލާ ދިނުން މެދުކަނޑައިލަން ޔަހޫދީން ވަނީ އެއްބަސްވެފައެވެ. ޖެހިގެން އޮތް ތިން ދުވަހު, ވެކްސިން ޕުރޮގުރާމު ކުރިއަށް ދާނީ ޣައްޒާގެ ދެކުނުގައެވެ. އަދި, އެއާ ޖެހިގެން އަންނަ ތިން ދުވަހު, ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި އެ ޕުރޮގުރާމު ކުރިއަށް ގެންދެވޭނެއެވެ.
ޣައްޒާގެ ޞިއްޙީ ވަޒީރުގެ ނައިބު ޔޫސުފް އަބޫ އަލް-ރީޝީ ވިދާޅުވީ ވެކްސިން ޖަހައިދޭން ޙަރަކާތްތެރިވާ ޓީމުތަކުން ޣައްޒާގެ ވީހާވެސް ގިނަ ސަރަޙައްދުތަކަށް ދަތުރު ކުރަން މަސައްކަތް ކުރާނެ ކަމުގައެވެ. ނަމަވެސް, އެންމެ ފުރިހަމަ ގޮތެއްގައި ވެކްސިން ކެމްޕޭން ހިންގޭނީ ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން މެދުކަނޑައިލައިގެން ކަމުގައި އޭނާ ވިދާޅުވިއެވެ.
"ވެކްސިން ކެމްޕޭނަކީ ކާމިިޔާބީއަކަށް ހަދަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ޙަޤީޤަތުގައި ވެސް ބޭނުންވާ ނަމަ ޢުދުވާންތައް ހުއްޓައިލަން ގޮވައިލަން ޖެހޭ. އެހެން ނޫން ނަމަ, މި ވައިރަހަކީ ހުއްޓުވޭނެ އެއްޗެއް ނޫން, އެހެން ތަންތަނަށް ފެތުރިގެން ދާނެ،" އޭނާ ވިދާޅުވިއެވެ. ވެކްސިން ކެމްޕޭނުގެ ދަށުން އަލް-ނާޞިރު ހަސްފަތާލުގައި ކުޑަކުދިންނަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
25 އަހަރަށް ފަހު ޣައްޒާއިން ޕޯލިޔޯ ޖެހިފައިވާ މީހަކު ފެނިފައިވާ ކަން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން އިޢުލާނު ކޮށްފައި ވަނީ އޮގަސްޓު 23ވަނަ ދުވަހުއެވެ. ބަލި ޖެހިފައި ވަނީ އުމުރުން 11 މަހުގެ ތުއްތު ކުއްޖަކަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބުނީ, ޕޯލިޔޯ ވައިރަސް އެހެން ސަރަޙައްދުތަކަށް ފެތުރުން ހުއްޓުވުމަށް ޣައްޒާގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީގެ 90 އިންސައްތައަށް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްދޭން ޖެހޭ ކަމުގައެވެ.
ޣައްޒާގެ އެކި ކަންކޮޅުތަކުގައި ވެކްސިން ކެމްޕޭން ފެށުމުގެ ގޮތުން އަލް-ނުޞަޔިރާތު ރެފިއުޖީ ކޭމްޕުގައި 2,000އަށްވުރެ ގިނަ ޞިއްޙީ ޚިދުމަތްތެރިން ވަނީ ތައްޔާރުވާން ފަށާފައެވެ. އެ ކަމުގެ ތައްޔާރީތައް ކުރިއަށް ގެންދަނިކޮށް ޔަހޫދީ ފައުޖުން ވަނީ އެ ކޭމްޕަށް ބޮންއަޅައި 19 މީހުން ޝަހީދު ކޮށްލާފައެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ އެއް ޢާއިލާއެއްގެ މެންބަރުންނެވެ. ޣައްޒާގެ އެހެން ސަރަޙައްދުތަކަށް ޔަހޫދީ ފައުޖުން ދީފައިވާ ރަޙުމު ކުޑަ ޙަމަލާތަކުގައި އިތުރު 30 މީހުން ޝަހީދު ކޮށްލިއެވެ.
ޣައްޒާގެ އުތުރުގައި އޮތް ޒަޔިތޫނުގެ އިތުރުން ދެކުނުގައި އޮތް ރަފަޙުގައި ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދަނީ ބަރުހަތިޔާރާ އެކު ހަރަކާތްތެރިވަމުންނެވެ. ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޙަމާސާއި އިސްލާމިކް ޖިހާދުން ބުނީ, އެ ޖަމާޢަތްތަކުގެ މުޖާހިދުން ޔަހޫދީ ފައުޖުގެ ސިފައިންނާ ކުރިމަތިލަމުންދާ ކަމުގައެވެ. އަދި, ހައްދުފަހަނަ އެޅި ސިފައިންނަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ.
މީގެ އިތުރުން, ޣައްޒާގެ ދެކުނު ޚާން ޔޫނިސްގައި ގަތުލުއާންމުތައް ހިންގަމުންދިޔަ ޔަހޫދީ ސިފައިން ވަނީ 22 ދުވަހަށް ފަހު އެ ސަރަޙައްދުން ފައިބާފައެވެ. އަދި, އެ ސަރަޙައްދުގެ ރައްޔިތުން ވަނީ އެނބުރި ގެދޮރަށް ދާން ފަށާފައެވެ. ނަމަވެސް, ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުގައިވާ ގިނަ ގެދޮރާއި އިމާރާތްތައް ސުންނާފަތިކޮށް ބިމާ ހަމަ ކޮށްލާފައެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނީ, ޔަހޫދީ ފައުޖުން ހަރަކާތްތެރިވި ސަރަޙައްދުގައި ޝަހީދު ކޮށްލާފައިވާ އިތުރު ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގައެވެ.
ޣައްޒާގައި ޕޯލިޔޯ ފެތުރުން ކޮންޓްރޯލް ކުރުމަށް ވެކްސިން ކެމްޕޭނެއް ފެށުމަށް ތައްޔާރުވަމުން ދަނީ, ނިކަމެތިކޮށްލައި ހާލުގައި ޖައްސާފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން އދން ކުރަމުންދާ މަސައްކަތްތައް މަޑުޖެހިފައިވާ ދަނޑިވަޅެއްގައެވެ. އެ މަސައްކަތްތަކަށް ހުރަސް އެޅުނީ, ދަޔިރް އަލް-ބަލަޙް ހުސް ކުރަން ޔަހޫދީ ފައުޖުން އެންގުމުންނެވެ. އެއާ އެކު, އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ އދއާއި އެހީދޭ ޖަމުޢިއްޔާތަކުގެ ޓީމުތަކަށް ވެސް އިިންސާނިއްޔަތަށް ޓަކައި ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓައިލުމަށް ފަހު އެ ސަރަޙައްދުން ފައިބަން ޖެހުނެވެ.
2023 އޮކްޓޫބަރު 7ގައި ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 40,691އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 94,060އަށް އުފުލިފައެވެ.