ޚަބަރު

ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމަށް ބޭއްވި ހަރަކާތައް ބޮޑު ތަރުހީބެއް


  • މާދަމާ ހަވީރު ހުޅުމާލޭގައިވެސް މި ހަރަކާތް ކުރިއަށްދާނެ

  • މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެއް

ދިވެހި ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ޚާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.

ޖުމްހޫރީ މައިދާނުގައި މިއަދު ކުރިއަށްގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ.

މި ހަރަކާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓް ލައިން އޮފިސަރުންނާއި ސްޕެޝަލް އޮޕަރޭޝަނާއި، K9 ސްކޮޑް އަދި މެރިން ފުލުހުންނާއި ސްވަޓް ފުލުހުންވެސް ވަނީ ބައިވެރިވެފައެވެ.

މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވެފައިވާއިރު އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، ތަޖުރިބާ ކުރުމުގެ ފުރުޞަތުވެސް ވަނީ ދީފައެވެ.

ފުލުހުންގެ އުޅަނދުތައް ދައްކާލުމުގެ މި ހަރަކާތަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދިޔަ ހަރަކާތެކެވެ. ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ހަރަކާތް މާދަމާ ހަވީރު 4:00ން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މެރީބްރައުން ސަރަޙައްދުގައިވެސް އޮންނާނެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން، ފުލުހުންގެ އާސާރު ދައްކައިލުމުގެ ޙަރަކާތެއްވެސް މި މަހުގެ 1 އިން 3 އަށް ޤައުމީ ދާރުލްއާސާރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރާއްޖޭގައި މަދަނީ ޚިދުމަތެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދޭންފެށިތާ މިހާރުވަނީ 20 އަހަރުވެފައެވެ. މީގެ 91 އަހަރުކުރިން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ތެރެއިން ފޯރުކޮށްދެމުންދިޔަ ފުލުހުންގެ ޚިދުމަތް 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1 ވަނަ ދުވަހުވަނީ މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ޤާއިމުކޮށްފައެވެ.