ޚަބަރު

ތާރީޚީ ދުވަހެއް: މާލެއިން ވިލިމާލެއަށް ފުރަތަމަ ފަހަރަށް ފައިމަގުގައި


  • ސަރުކާރުގެ އަމާޒަކީ 2027ގެ ނިޔަލަށް ބުރިޖުގެ މަސައްކަތް ނިންމުން

  • ބުރިޖުގެ ޖުމްލަ އަގު 500 މިލިޔަން ޑޮލަރަށް އަރާ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ތިލަމާލެ ބުރިޖު ބައްލަވާލައްވައިފިއެވެ. ބުރިޖު ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފައިމަގުން މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބުރިޖުގެ މަސައްކަތް ބައްލަވައިލެއްވުމަށް ކުރެއްވި މި ޒިޔާރަތުގައި ސަރުކާރުގެ ވަޒީރުންނާއި، ބައެއް އިސްވެރިންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މާލެ ސަރަހައްދުގައި ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ތިލަމާލެ ބުރިޖުގެ މަޝްރޫޢުގެ ދަށުން، މާލެއާއި ވިލިމާލެ ގުޅުވައިދޭ އެންމެފަހު ސެގްމަންޓު ގުޅާލީ، ނިމިދިޔަ ހަފުތާގެ ތެރޭގައެވެ. 2022ވަނަ އަހަރު ފެށި މި ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދަނީ، އިންޑިއާގެ އެފްކޮންސް ކުންފުންޏާ ޙަވާލުކޮށްގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ފެށި މަސައްކަތްތަކުގެ ތެރޭގައި ބުރިޖުގެ މަސައްކަތް އަވަސް ކުރުމަށް އިންޑިއާ ސަރުކާރާއި ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރުން ހިމެނެއެވެ. މިދިޔަ ސަރުކާރުގައި އެ މަސައްކަތް ހަވާލުކުރީ، އެ ދައުރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެހެންނަމަވެސް ވެރިކަން ނިމުނުއިރު ނިމުނީ، މަޝްރޫޢުގެ %30އެއްހާ މަސައްކަތެވެ.

އެކި ސަބަބުތަކާ ހުރެ ބުރިޖުގެ މަސައްކަތް ލަސްވި ނަމަވެސް، މިހާރު ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނިޔަލަށް ތިލަމާލެ ބުރިޖުގެ މަސައްކަތް ނިންމުމެވެ. މިހާތަނަށް އެ ބުރިޖުގެ މުޅި މަޝްރޫޢުގެ %76 ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާނެއެވެ. މި ރަށްތައް ހުރަސްކުރާނީ، ހައިވޭތަކަކުންނެވެ. މި ހައިވޭތައް ހެދުމުގެ މަސައްކަތް މި މަޝްރޫއާ އެކުއެކީގައި ކުރިއަށް ގެންދާނެއެވެ. ބުރިޖާއި ކޯޒުވޭތައް ހިމެނޭހެން މުޅި ކަނެކްޓިވިޓީގެ ދިގުމިން 6.7 ކިލޯމީޓަރަށް އަރައެވެ. ސަރުކާރުން ވިދާޅުވީ، ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކަން ކަށަވަރު ކުރުމަށް ޚާއްސަ އިސްކަމެއްދެއްވާ ކަމަށެވެ.

ތިލަމާލެ ބުރިޖު މަޝްރޫޢުގެ ޖުމްލަ އަގު 500 މިލިޔަން ޑޮލަރަށް އަރައެވެ. އެއީ، 7 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢަށް ފަންޑުކުރަނީ، އިންޑިއާ ސަރުކާރުން ދޭ 100 މިލިޔަން ޑޮލަރުގެ ގްރާންޓާއި، 400 މިލިޔަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ އިތުރުން ދިވެހި ސަރުކާރުންނެވެ.