ޚަބަރު

އެންމެ އަލި ގަދަ ތަރީގެ ކޯ ސްޕޮންސަރ ޕްލަސްއަކަށް އެމްއެޗްއޭ


ރަމަޟާންމަހު ޕަބްލިކް ސަރވިސް މީޑިއާއިން ގެނެސްދޭ އެންމެ ބޮޑު ޝޯވ "އެންމެ އަލިގަދަ ތަރީގެ" ކޯ ސްޕޮންސަރ ޕްލަސްއަކަށް އެމްއެޗްއޭ ހަމަޖައްސައިފިއެވެ.

މިކަމަށްޓަކައި ދިވެހިރާއްޖޭގެ އަޑުގައި އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފް ވިދާޅުވީ، މި ރަމަޟާންމަހު ޕީއެސްއެމްއިން ގެނެސްދޭ އެންމެ ބޮޑު އަދި އެންމެ އަގުބޮޑު ޝޯވއަކީ "އެންމެ އަލިގަދަ ތަރި" ކަމަށާއި މި ޕްރޮގްރާމަށް ޢާއްމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމަށެވެ.

މި ޝޯވްއިން އެއްވަނަ ހޯދާ ފަރާތަކަށް ފީއެސްއެމުން ފަސްލައްކަ ރުފިޔާ ހުށަހަޅާފައިވާއިރު ހެޔޮއެދޭ ފަރާތްތަކުންވެސް އެކި އެކި އިނާމްތައް ހުޅައަޅަމުން އަންނަކަމަށާއި އެ ފުރުޞަތު ހުޅުވާލާފައިވާކަމަށް އިކްރާމް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއެޗްއޭގެ މާކެޓިންގ މެނޭޖަރ މުޙައްމަދު ހިލާލް ވިދާޅުވީ، މުޖުތަމަޢަށް ފައިދާ ހުރި މިފަދަ ހަރަކާތްތަކަށް އެކުންފުނިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށާއި "އެންމެ އަލިގަދަ ތަރީ"ގެ ސްޕޮންސަރޝިޕްގައި ސޮއިކުރެވުމުން އެކުންފުންޏަށް އެކިގޮތްގޮތުން ފައިދާ ވާނެކަމަށްކަމަށް ޤަބޫލްކުރައްވާކަމަށެވެ.

ޕީއެސްއެމްގެ ފަރާތުން ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް ޢަބްދުއްލަތީފެވެ. އެމްއެޗްއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ފައިނޭންޝިއަލް ކޮންޓްރޯލަރ ޢަބްދުލް ވައްޚާބްއެވެ.