ޚަބަރު

ރައީސްގެ މާލީ ބަޔާން ހިއްސާނުކުރާކަމަށް ފަތުރާ ޚަބަރުތައް ދޮގުކޮށްފި


  • "އެސެޓް ޑެކްލެރޭޝަން" ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން ފެންނަންހުރޭ

  • ރައީސާ ސަރުކާރާ ގުޅޭ ގޮތުން ދޮގުވާކަ ފަތުރާކަން ރައީސް ފާހަގަކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ހިއްސާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅުހަދާފައިވާކަމަށް ބުނެ އޮންލައިން ނޫހަކުން ފަތުރާފައިވާ ޚަބަރުތައް އެ އޮފީހުން ދޮގުކުރައްވައިފިއެވެ.

ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން، މުޙައްމަދު ޙުސައިން ޝަރީފް ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ އޮންލައިން ނޫހެއްކަމުގައިވާ "އަދަދު" ނޫހުގައި (6 އޮކްޓޫބަރު 2026 ގައި) "ރައީސް މުޢިއްޒުގެ މާލީ ބަޔާންތައް ދޫކުރަން ރައީސް އޮފީހުން ދެކޮޅު ހަދައިފި"، މިސުރުޚީގައި ޝާޢިއުކުރެވިފައިވާ ޚަބަރުގައި ހިމަނާފައިވާ މަޢުލޫމާތަކީ ކަނޑައެޅިގެން ދޮގު މަޢުލޫމާތެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "އެސެޓް ޑެކްލެރޭޝަން" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި، ބައްލަވާލައްވަން ބޭނުންފުޅުވާ ކޮންމެ ބޭފުޅަކަށްވެސް ޕީޑީއެފް އެއްގެ ގޮތުގައި ފަސޭހައިން ޑައުންލޯޑްކޮށްލެވޭ ގޮތަށް މިހާރުވެސް ހިމެނިފައިވާ މަޢުލޫމާތުކަން މި ބަޔާނުގައި ވަނީ ވިދާޅުވެފައެވެ. އަދި، މިފަދައިން މިމަޢުލޫމާތު ވެބްސައިޓުގައި ފެންނަން ހުންނާނެކަންވެސް ވާނީ މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޚަބަރެއްގެ ގޮތުގައި މީޑިއާ މެދުވެރިކޮށް އާންމުކޮށް އިޢުލާން ކުރައްވާފައިކަން ތަރުޖަމާނުގެ ނޫސްބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.

"ރައީސުލްޖުމްހޫރިއްޔާއާ ގުޅޭ ގޮތުން އަދި ސަރުކާރާ ގުޅުވައިގެން މެދުނުކެނޑި، ބޮޑެތި ދޮގުތައް "އަދަދު" ނޫހުން ފަތުރަމުންދަނީ ސިޔާސީ މަޤްސަދެއްގައި ކަމަށްވީ ހިނދު، މިފަދަ ދޮގު މަޢުލޫމާތު ފާހަގަކޮށް، ކަމުގެ ހަޤީޤަތް ރައްޔިތުންނަށް ހާމަކުރުމުގައި ފަސްނުޖެހޭނެކަމުގެ ޔަޤީންކަން އަރުވަމެވެ." ބަޔާނުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން މިއަހަރު އާންމުކުރައްވާފައިވަނީ މޭމަހުގެ މެދުތެރޭގައެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު، ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅއްވަންވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނުގެ މިއަހަރު މާލީ ބަޔާނުގައި ވާގޮތުން، 6 މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި އެމަނިކުފާނަށް 285،024ރ ލިބިފައިވެއެވެ. އަދި ހުޅުމާލެ ރޯހައުސް ކުލީގެ ގޮތުގައި 240،000 ރުފިޔާ ލިބިފައިވާއިރު، އާއިލާގެ ފަރާތުން 180،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

ރައީސްގެ މާލީ ބަޔާނުގައި ވާގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ބޭންކް އޮފް މޯލްޑިވްސް ކަރަންޓް އެކައުންޓުގައި ހުރީ 184،845.52 ރުފިޔާއެވެ. އަދި ބޭންކް އޮފް މޯލްޑިވްސްގެ ސޭވިންގްސް އެކައުންޓްގައި 1،701،470.44 ދިވެހި ރުފިޔާ ހުރިއިރު މޯލްޑިވްސް އިސްލާމިކް ބޭންކް ސޭވިންގްސް އެކައުންޓްގައި ހުރީ 1000 ރުފިޔާއެވެ. އަދި ލޯނާއި ދަރަނީގެ ގޮތުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީއަށް ބާކީ ދައްކަން ޖެހެނީ 1،319،265.13 ރުފިޔާއެވެ.

ރައީސްގެ މާލީ ބަޔާނުގައި ވާގޮތުން، އެމަނިކުފާނުގެ މިލްކިއްޔާތުގެ މުދާތަކުގެ ތެރޭގައި ހިމެނެނީ މ.ދިމްޔާތު، ހުޅުމާލެ އެމްބަރ ޓެރަސް 2، ދިމްޔާތު ހއ.ވަށަފަރު، މ.ފިގް އަދި 260،000ރުފިޔާގެ ކާރެވެ.