ޚަބަރު

ޖަމާޢަތް ބޮޑު ނަމާދުތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުން : ވަޒީރު ޝަހީމް


  • ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމުގެ ޝަކުވާ ލިބޭ

  • ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން ހަނދާނުގައި ބަހައްޓަންވާނެ

ހުކުރު ނަމާދު ފަދަ ޖަމާޢަތް ބޮޑު ނަމާދުތަކުގައި ބައެއް ޚަޠީބުން ވަރަށް ދިގުކޮށް ކިޔަވާކަމުގެ ޝަކުވާ ލިބޭކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޖަމާޢަތް ބޮޑު ނަމާދު ތަކުގައި ސުންނަތްވެގެންވާ ގޮތަކީ ކުރުކޮށް ކިޔެވުންކަމަށެވެ. އަދި ޖަމާޢަތުގައި ބަލިމީހުންނާއި އުޒުރުވެރިން އަދި ކުޑަކުދިންވާނެކަން އިމާމުގެ ހަނދާނުގައި ބެހެއްޓުން މުހިންމުކަމަށެވެ.

މީގެއިތުރުން ވިއްސާރަވާ އިރު ވިއްސާރައިގަ އަދި ގަދަ އަވިދޭ އިރު އަވީގައި ވެސް ޖަމާޢަތުގެ ބޮޑު ބައެއް އޮންނަ ކަމަށާއި މިފަދަ ކަންކަމާމެދު ސަމާލުވުމަކީ ޤުހުވެރިކަމުގެ ތެރެއިންވާ ކަމެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ވަނީ އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމްގެ ދަށުން 6 އަތޮޅެއްގެ 272 އިމާމުން ތަމްރީންކުރަން ފަށާފައެވެ. މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ މިސްކިތްތަކުގައި ދާއިމީ ގޮތެއްގައި އިމާމްވެ ނަމާދުކުރާ ހުރިހާ އިމާމުންވެސް ތާޒާކޮށް ނިންމުންކަމަށް އިސްމާލީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިމާމުން ތާޒާކުރުމުގެ ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދެއެވެ. އެގޮތުން ޤުރްއާނާއި ތަޖުވީދުގެ ޢިލްމާއި ތަފްސީރާއި ފިޤުހާއި ޙަދީޘްގެ އިތުރުން އަޤީދާގެ ޢިލްމުގެ ދާއިރާއިން އިމާމުންނަށް ބޭނުންވާ މުހިއްމު ކަންކަން އުނގަންނައިދޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. ރާއްޖޭގައި ގާތްގަނޑަކަށް 700 އެއްހާ ދާއިމީ އިމާމުން އުޅެއެވެ.