ޚަބަރު

ވޯލްޑް ކަޕަށް ޓީމު ތައްޔާރުކުރުމަށް ވަގުތު އެބައޮތް: ޕޮޗެޓީނޯ


2026 ވަނަ އަހަރު އަމިއްލަ ގައުމުގައި ބާއްވާ ވޯލްޑްކަޕް ކާމިޔާބު ކުރުމަކީ އެމެރިކާ އަށް ނުވާނެ ކަމެއް ނޫންކަމާއި އެގޮތަށް ވިސްނާ އެކަމަށް މަސައްކަތް ކުރާނެކަމަށް އެ ގައުމުގެ ކޯޗުކަމާއި އަލަށް ހަވާލުވި އާޖެންޓީނާގެ މައުރޯސިއޯ ޕޮޗެޓީނޯ ބުނެފި އެވެ.

ކޯޗު ކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިޔާ އާއި ވާހަކަ ދައްކަމުން ޕޮޗެޓީނޯ ބުނެފައިވަނީ ތަންކޮޅެއް ފުންކޮށް ދުރަށް ވިސްނަން ޖެހޭ ކަމަށާއި އެގޮތަށް ވިސްނާ އެ ކަމަށް މަސައްކަތް ކޮށްގެން ނޫން ގޮތަކަށް ކާމިޔާބީ ނުލިބޭނެ ކަމަށެވެ. އަދި އޭނާގެ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ކުޅުންތެރިންގެ ވިސްނުންވެސް އެގޮތަށް ބަދަލުކޮށް އެ ކަމަށް މަސައްކަތް ކުރުން ކަމަށެވެ.

ޕޮޗެޓީނޯ އިތުރަށް ބުނެފައިވަނީ ކުރިއަށް އޮތް ވޯލްޑްކަޕަށް އެ ޓީމު ތައްޔާރު ކުރުމަށް އެކަށީގެންވާ ވަގުތު އެބައޮތް ކަމަށާއި މި މުބާރާތަކީ އެމެރިކާގެ ފުޓްބޯޅަ އާއިމެދު މީހުން ދެކޭ ގޮތް ބަދަލުވެ އެމެރިކާ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތައް ކާމިޔާބުކުރެވޭ ފެންވަރުގެ ޓީމެއްކަން ސާބިތުކުރަން ބޭނުންވާ ކަމަށެވެ.

އުމުރުން 52 އަހަރުގެ ޕޮޗެޓީނޯ އަލަށް ގައުމީ ޓީމަކާއި ހަވާލުވެފައިވާއިރު, އޭނާ ވަނީ މީގެ ކުރިން ފްރާންސްގެ ޕީއެސްޖީ އާއި އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓްންހަމް ހޮޓްސްޕަރ ގެ އިތުރުން ޗެލްސީއަށް ކޯޗުކޮށްދީފަ އެވެ.

ޕޮޗެޓީނޯ ވަނީ އެމެރިކާގެ އަންހެން ފުޓްބޯޅަ ޓީމަށް ތައުރީފުކޮށްފަ އެވެ. އެގޮތުން އެ ޓީމަކީ އެމީހުން ނަމޫނާއަކަށް ބަލަން ޖެހޭ ޓީމެއް ކަމަށާއި އެމެރިކާގެ އަންހެން ޓީމުން ވަނީ އަންހެން ފުޓްބޯޅައިގެ ހުރިހާ ކާމިޔާބީއެއް ހޯދާފައި ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން އެމެރިކާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު ޓެކްސަސްގައި ނިކުންނާނީ ޕެނަމާ އާއި ދެކޮޅަށެވެ.