ޚަބަރު

ޑިމޮކްރަސީ ނިޒާމަށް ރާއްޖެ ފައްކާވުމަށް ކުރިއަށްވެސް އޮތީ ދިގުދަތުރެއް


  • ރާއްޖޭގައި ޑިމޮކްރަސީ ފެށިގެން އައީ ފުރަތަމަ ލިޔެވިފައި އޮތް ޤާނޫނު އަސާސީއާއެކު

ޑިމޮކްރަސީގެ ނިޒާމަކީ ދުނިޔޭގެ އެންމެ މަޤްބޫލު ނިޒާމުގެ ގޮތުގައި ވެރިކަން ހިންގުމަށް ބޭނުންކުރެވޭ ނިޒާމެކެވެ.

ބައިނަލްއަޤްވާމީ ގޮތުން ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. އެކި ޤައުމުތަކުގައި ޑިމޮކްރަސީގެ ނިޒާމުގައި އެކި އެކި ތަފާތުތައް ހުރެއެވެ. އެހެންނަމަވެސް ޑިމޮކްރަސީއެއްގައި ފުރިހަމަ ކުރަންޖެހޭ ޝަރުތުތަކެއް ހުރެއެވެ.

ޑިމޮކްރަސީއަކީ ރައްޔިތުން ބާރުވެރިކުރުވާ، ރައްޔިތުންގެ ކިބައިން ވެރިކަމުގެ ބާރު އޮންނަ އަދި ރައްޔިތުންގެ ބާރު ވެރިކަމުގައި ފުޅާގޮތެއްގައި އޮންނަ ނިޒާމެކެވެ. ޑިމޮކްރަސީއެއްގައި ވަކި މައިގަނޑު އަސާސްތަކެއްވެސް ހިމެނެއެވެ.

ޑިމޮކްރަސީގެ އަސާސްތައް:

• ޤާނޫނުތައް ހަމަހަމަކަމާއެކު އެންމެންނަށް ހިންގުން
• މިނިވަން އިންސާފުވެރި، އެންމެން ބައިވެރިވާ، އިތުބާރުކުރެވޭ އިންތިޚާބުތައް ބޭއްވުން
• ނަޒާހަތްތެރިކަން ނުއުފެދޭނެގޮތަށް ދައުލަތުގެ ކަންކަން ހިންގުން
• މަޤާމުތަކުގައި ތިއްބަވާ ހުރިހާ ބޭފުޅުން ޖަވާބުދާރީ ކުރުވުން
• ވެރިކަމުގައި ވަކި މުއްދަތަކަށް ހުރެވޭ ގޮތަކަށް ކަނޑައެޅުން
• އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދިނުން
• އިންސާނީ ހައްޤުތައް ރައްކާތެރިކޮށް ހަމަހަމަ އުސޫލުން ކަންކަންކުރުން
• އަދުލު އިންސާފު ޤާއިމުކުރުން

ރާއްޖޭގައިވެސް ޑިމޮކްރަސީ ދުވަސް އެކި ފެންވަރުގައި މި ދުވަސް ފާހަގަކޮށްފައިވެއެވެ. އަދި މި ނިޒާމަށް ރާއްޖޭގައި އަމަލުކުރަމުން އަންނަތާ މިވަނީ 16 އަހަރު ފުރިފައެވެ. ޑިމޮކްރަސީއާއެކު ރާއްޖެއަށްވެސް ގިނަ ކުރިއެރުންތަކެއް ލިބިގެންދިޔައެވެ.

ދެކުނު އޭޝިއާގައި ލިޔެފައިވާ ފުރަތަމަ ޤާނޫނު އަސާސީ ރާއްޖޭގައި!

ގިނަ ތަޖުރިބާކާރުން އެއްބަސްވާގޮތުގައި ރާއްޖޭގައި ޑިމޮކްރަސީގެ ފެށިގެން އައީ ފުރަތަމަ ލިޔެވިފައި އޮތް ޤާނޫނު އަސާސީއާއެކުގައެވެ. އެއީ 22 ޑިސެމްބަރު 1932 ވަނަ އަހަރު ޝަމްސުއްދީން ރަދުން 3 ގެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.

މުޅި ދެކުނު އޭޝިއާގައިވެސް 1933 ވަނަ އަހަރު ލިޔެވިފައި އޮތް ޤާނޫނު އަސާސީއެއް އެކުލަވާލީ ދިވެހިރާއްޖެއާއި ތައިލެންޑްގައި އެކަންޏެވެ. މުޅި ދެކުނު އޭޝިއާގައިވެސް ލިޔެވިފައި އޮތް ޤާނޫނު އަސާސީ ފުރަތަމަ އިޢުލާންކޮށް ހިންގަން ފަށައި، ފުރަތަމަ ރައްޔިތުންގެ މަޖިލީހެއް ޤާއިމުކުރި ޤައުމުގެ ފަޚުރު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ.

ފުރަތަމަ ޤާނޫނު އަސާސީއާއެކުވެސް ގިނަ ހައްޤުތަކެއް!

1933 ވަނަ އަހަރު ރާއްޖޭގެ މީހުންގެ ތަރައްޤީއާއި ހޭލުންތެރިކަމަށް ބެލިނަމަވެސް އަދި ދައުލަތުގެ ފުދުންތެރިކަމާއި، ޤާބިލުކަމަށް ބެލިނަމަވެސް ކަންކަން އޮތީ މިހާރާ ވަރަށް ތަފާތު ޙާލަތެއްގައެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީގައި، ރައްޔިތުންގެ ހައްޤުގެ ދަށުން 19 ކަމެއް ވަނީ ބަޔާންކޮށްފައެވެ. އެ ހައްޤުތަކުގައި ތެރޭގައި މިހާރުވެސް ޑިމޮކްރަސީގެ ހައްޤުތަކުގެ ގޮތުގައި ގޮވާލާ ކަންކަން އެބަހުއްޓެވެ.

އެއްވެ އުޅުމުގެ މިނިވަންކަމާއި، ކޮންމެ ރައްޔިތަކީ ޢަރަބި، ތާނަ ލިޔަންކިޔަން ދަންނަ މީހަކަށްވުމާއި، ޝަރުއީ ހުކުމެއްގައި ނޫންގޮތަކަށް އެއްވެސް މީހެއްގެ ގައިގައި ހިފާ އަތްލާ ހައްޔަރުކޮށްގެން ނުވާނެކަމަށް އެ ޤާނޫނު އަސާސީގައިވެސް ބަޔާންކޮށްފައި އޮތެވެ.

އިންތިޚާބުތައް ބޭއްވުމަށް ޤާނޫނު އަސާސީގައި ބަޔާންކުރި ނަމަވެސް، އޭރު ގިނަ ދަތިތަކެއް ހުރުމުން އެގޮތަށް އަމަލުކޮށްފައެއް ނުވެއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ، އެ ޤާނޫނު އަސާސީ ގަޑުބަޑުވެ އިރާލިކަމަށް ސިޔާސީ ދާއިރާގެ ޢިލްމީ ތަޖުރިބާކާރުން ވިދާޅުވެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި 1960ގެ އަހަރުތަކުގައި ރައްޔިތުންގެ މަޖިލީހަށް މެންބަރުން ޢައްޔަން ކުރައްވަން އިންތިޚާބުތައް ބާއްވަން ފެއްޓެވިއެވެ. އޭގެ ކުރިން މަޖިލީހަށް މެމްބަރުން ޢައްޔަންކުރައްވަނީ ރަސްގެފާނެއެވެ. ނަމަވެސް ފަހުން ލިޔެވުނު ޤާނޫނު އަސާސީއާއެކު ރަސްގެފާނަކީވެސް ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރާ ބޭފުޅަކަށްވެގެންދިޔައެވެ.

ދެވަނަ ޖުމްހޫރީ ވެރިކަމުގައި އަންހެނުންނަށް ވޯޓްލުމުގެ ހައްޤު!

1968 ވަނަ އަހަރު ރާއްޖެ ދެވަނަ ޖުމްހޫރީ ވެރިކަމަށް ބަދަލުވެ ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި އަންހެނުންނަށް ވޯޓްލުމުގެ ހައްޤު ކަށަވަރުވިއެވެ.

އޭގެ ކުރިން ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތީ 25 އަހަރު ވުމުން ފިރިހެނުންނަށް އެކަނި ވޯޓްލެވޭގޮތަށެވެ. ނަމަވެސް ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި 21 އަހަރުގެ ކޮންމެ އަންހެނަކަށްވެސް އަދި ފިރިހެނަކަށްވެސް ވޯޓް ލެވޭނެ ގޮތް ކަށަވަރުކޮށްދިނެވެ.

ފެހި ޤާނޫނު އަސާސީ ވުޖޫދަށް އައުމުގެ ކުރިން އޮތް ނޫ ޤާނޫނު އަސާސީގައި "ޑިމޮކްރެޓިކް" ވަރަށް ގިނަ ސިފަތަކެއް ހިމަނާފައިވެއެވެ. އެހެންނަމަވެސް ވެރިކަމުގެ ބާރާއި، ޤާނޫނު ހެދުމުގެ ބާރާއި، ކޯޓުތަކަށް ނުފޫޒު ނުފޯރުވޭގޮތަށް މިނިވަންކަމާއެކުއެކުގައި މަސައްކަތް ކުރެވޭނެ ގޮތަށް ތަންފީޒުވެގެންދިޔައީ ފެހި ޤާނޫނު އަސާސީއާއެކުގައެވެ.

ޑިމޮކްރަސީގައި ރާއްޖެއަށް ލިބުނު ކުރިއެރުންތައް:

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމު ޤާއިމުކުރެވުނު ނަމަވެސް ވަކި ހިސާބަކުން އެނިޒާމު ވަނީ އުވިފައެވެ. ނަމަވެސް ދުނިޔޭގެ 70 އަށްވުރެ ގިނަ ޤައުމުތަކުގައި އޮތް ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމު ރާއްޖޭގައި ޤާއިމުކުރެވި، މިހާތަނަށް އާއިރުވެސްވަނީ ހިފެހެއްޓިފައެވެ. އަދި މިހާތަނަށް އާއިރުވެސް ޤާނޫނު އަސާސީއަށް މާ ބޮޑެތި އިސްލާހުތަކެއް ޑިމޮކްރަސީއާ ގުޅިގެން ގެނެސްފައެއް ނުވެއެވެ.

ނަމަވެސް ފެހި ޤާނޫނު އަސާސީއާއެކު ވަރަށް ގިނަ ހައްޤުތަކެއް ކަށަވަރުވިއެވެ. އެގޮތުން ރާއްޖޭގެ ހުރިހާ އެންމެންނަށްވެސް ރައީސުލްޖުމްހޫރިއްޔާކަމަށް ކުރިމަތިލެވޭނެ ގޮތަށް މަގުފަހިވެ، 70 އަށްވުރެ ގިނަ އިންސާނީ ހައްޤުތައް އެ ޤާނޫނު އަސާސީގައި ހިމެނިއެވެ. އޭގެތެރެއިން އައި އެންމެ މުހިންމު އެއް ޙައްގަކީ އެއްވެ އުޅުމާއި މިނިވަންކަން ތަންމިނަށް ހުޅުވިގެންދިއުމެވެ.

ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމަށް ރާއްޖޭގައި އަމަލުކުރި ނަމަވެސް އަދިވެސް މި ނިޒާމު އިތުރަށް ފައްކާ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ބައިވަރު އެބަހުއްޓެވެ.

އެގޮތުން އެއް ޕާޓީ އަނެއް ޕާޓީއާއެކު އެއްމޭޒެއްގައި މަޝްވަރާކުރެވި ހޭލުންތެރިކަމާ ހިކުމަތްތެރިކަމާއެކު ޑިމޮކްރަސީ ފައްކާވެގެންދިޔުމުން ނިޒާމާމެދު ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެކަމަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެއެވެ. ޑިމޮކްރަސީގެ ވެރިކަމުގެ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ ދަތުރު އަދިވެސް ވަރަށް ދިގެވެ. މި ނިޒާމު އެންމެ ފުރިހަމައަށް ޤާއިމުކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.