ސިއްހަތު

ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށް ސައިޕްރަސްއިން އެހީވަނީ


ރާއްޖޭގައި ތެލަސީމިއާ ކޮންޓްރޯލް ކުރެއްވުމަށް ސައިޕްރަސްއިން އެހީދެއްވުމަށް ނިންމަވާފައިވާކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ވަރލްޑް ހެލްތު އެސެމްބްލީގެ 69 ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެ ލިބުނު ކާމިޔާބީތަކާގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.

މެއި މަހުގެ 23 - 28ށް ސްވިޒްޒަރލޭންޑްގެ ޖެނީވާގައި ކުރިޔަށްދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ޢާއްމު ބައްދަލުވުމުގައި ރާއްޖޭގެ ޞިއްޙީ ދާއިރާގައި ހުރި ގޮންޖެހުންތަކާއި، ކާމިޔާބީއަށް މަސައްކަތްކުރެވޭނެ މައިގަނޑު އަމާޒުތައް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމްވަނީ ބަޔާންކޮށްދެއްވާފައެވެ. މިބައްދަލުވުމުގެ ޙަވާސާގައި ރާއްޖޭގެ ޑެލިގޭޓުންވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން ދޭދޭ ޤައުމުތަކުގެ ހެލްތު ދާއިރާގެ އިސް ވެރިންނާއި، ހެލްތް މިނިސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުން ތަކުގައި ރާއްޖެއަށް ސިއްޙީ ދާއިރާއިން ބޭނުންވާ ތަމްރީނުތަކާއި، ފަންނީ އެހީތެރިކަން ދެއްވާނެކަމަށް މި ބައްދަލުވުމުގައި ބައިވެރިވި ޤައުމުތަކުގެ އިސްވެރިން ވިދާޅުވެފައިވެއެވެ.

ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖެއަށް ލިބުނު ކާބިޔާބީތަކުގެ ތެރޭގައި ސައިފްރަސްގެ ފަރާތުން ރާއްޖޭގެ ތެލަސީމިއާ ކޮންޓްރޯލް ކުރެއްވުމަށް، އެހީދެއްވުމުގެ އެމް.އޯޔޫ އެއްގައި ސޮއިކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ. އަދި ކިއުބާގެ ސިއްޚީ މާހިރުންނާއި، ޑޮކްޓަރުން ރާއްޖެ ގެނެއުމާއި، ރާއްޖޭގެ މީހުން ކިއުބާގައި ސިއްޙީ ދާއިރާއިން ތަމްރީނު ކުރެއްވުމަށް މަޝްވަރާކުރެވި ކަމަށެވެ. ނޭޕާލުން މިހާރަށްވުރެ ގިނަ ސްކޮލަރޝިޕްތަކެއް ރާއްޖެއަށް ދެއްވުމާއި ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނުކަމަށް ހެލްތު މިނިސްޓަރ އިރުތިޝާމް ވިދާޅުވިއެވެ.

ހައްޖާއި އުމްރާއަށް ދާ ދިވެހިންނަށް ބޭނުންވާ ވެކްސިންއާއި އެހެނިހެން އެހީތެރިކަން ހޯއްދެވުމާއި ގުޅޭ ގޮތުން ސައުދީ ސަރުކާރާއެކުވެސް މަޝްވަރާކުރެއްވިކަމަށް ހެލްތް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގައި ބޭނުންކުރާ ވަސީލަތްތައް ހޯދެއްވުމަށްވެސް ސައުދީގެ ވަޒީރާއި މަޝްވަރާކުރެވުނުކަމަށެވެ. ރާއްޖޭގައި މެޑިކަލް ސްކޫލެއް އެޅުމައްޓަކައި ސައުދީގައި ބޭނުންކުރައްވާ އެންމެ ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ފަންނީ އަދި މާލީ އެހީތެރިކަން ހޯދެވުމަށް މަޝްވަރާކުރެވި އެކަންކަންމަށް ސައުދީގެ ވަޒީރުގެ ފަރާތުން އެދެވޭ ޖަވާބެއް ލިބިވަޑައިގެންފައިވާކަން މިނިސްޓަރ އިރުތިޝާމް އާދަމްވަނީ ފާހަގަކުރައްވާފައެވެ.

ވޯލޑް ހެލްތު އެސެމްބްލީގެ ހަވާސާގައި "ކްލައިމެޓް ޗޭންޖް އެންޑް ހެލްތު ޓޭކިންގް ސްޓޮކް، ފޯޖިންގް ސޮލިއުޝަންސް" ގެ ނަމުގައި ބޭއްވި ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ރާއްޖެއަށް ކުރިމަތިވެފައިވާ، ތިމާވެއްޓާއި މޫސުމީ މައްސަލަތަކުގެ ސަބަބުން ކުރިމަތިވާ ޞިއްޙީ މައްސަލަތަކާއި، މިފަދަ ކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބޭހޭގޮތުންވެސް ހެލްތު މިނިސްޓަރ އިރުތިޝާމް އާދަމް ވާހަކަފުޅު ވާހަކަފުޅުދައްކަވާފައިވެއެވެ.

ޑަބްލިއު.އެޗް.އޯގެ އެންމެ މުހިންމު ގުނަވަންތައް ކަމުގައިވާ، އެގެޒެކެޓިވް ބޯޑުގެ މެންބަރޝިޕް ރާއްޖެއަށް ލިބި އެބޯޑްގެ ޗެއަރމަންކަމާއި، ރާއްޖެ ހިމެނޭ ރީޖަންގެ އިސް މަގާމުތަށް ރާއްޖެއަށް ލިބިފައިވުމަކީ، ސިއްޚީ ދާއިރާގައި ރާއްޖެއިން ކުރައްވާ މަސައްކަތް ދުނިޔެއިން ވަރަށް ބޮޑަށް ބަލައިގެންފައިވުންކަން ރާއްޖޭގެ ސިއްޙަތާއި ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.