އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތް ކުރިއަށްދާ ފުރަތަމަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިމޭނެކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގެ ތާރު މިފަހަރު އަޅަނީ ދެފަށަލައަކަށްކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއެވެ.
ތާރުއަޅައިގެން ތަރައްޤީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެމަސައްކަތް އަލުން ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު މިހާރުވަނީ ސެގްމަންޓް 1 ގައި ހިމެނޭ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތް ފަށާފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްޓީސީސީން ވިދާޅުވީ މިމަސައްކަތް މިފަހަރު ކުރިއަށްގެންދާއިރު ތާރުއަޅަނީ ދެ ފަށަލައަކަށް ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހު ފުރަތަމަ ފަށަލައިގެ ތާރުއަޅާފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އަދި ދެވަނަ ފަށަލައިގެ މަސައްކަތް ފެށޭ ހަފުތާގެ ތެރޭގައި ކުރުމަށްވަނީ ހަމަޖެހިފައެވެ.
މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓުގައި ހިމެނޭ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައެވެ. މިމަސައްކަތް އަންނަ ނޮވެންބަރު މަހަށް ނިންމުމަށްވަނީ ތާވަލުކުރެވިފައެވެ.
އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަޙައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ. މީގެއިތުރުން ރާއްޖޭގެ ހޫނުމިން މައްޗަށް ދާދުވަސްވަރު އޭގެ އަސަރުވެސް ތާރުގަނޑަށް ކުރާކަން ފާހަގަކުރެވެއެވެ.