ޚަބަރު

އިމިގްރޭޝަން ވޮޗަށް ރިޕޯޓްކޮށްފައިވާ 490އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން: އިމިގްރޭޝަން


  • 626 މައްސަލަ އިމިގްރެޝަން ވޮޗްއަށް ހުށައަޅާފައިވޭ

  • 266 ތަނެއް ރެއިޑްކޮށްފައިވޭ

ބިދޭސީންނާ ގުޅޭ މައްސަލަތައް ރިޕޯޓްކުރުމަށް ހުޅުވާލި "އިމިގްރޭޝަން ވޮޗް"އަށް ހުށައަޅާފައިވާ 490އަށްވުރެ ގިނަ މައްސަލަ މިވަގުތުވެސް ބަލަމުން އަންނަކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ބިދޭސީންނާ ގުޅޭ އެހެނިހެން މައްސަލަތައްވެސް ރިޕޯޓްކުރުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިންޓް ޕްލެޓްފޯމެއް ތަޢާރަފުކުރީ މިއަހަރުގެ ޖުލައިމަހުގެ 17ވަނަ ދުވަހުއެވެ. މިއީ މިހާތަނަށް ސަރުކާރުން ބިދޭސީންނާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމަށް ޤާއިމުކުރި އެންމެ ހަރުދަނާ އެއް ނިޒާމެވެ.

"އިމިގްރޭޝަން ވޮޗް" ޤާއިމުކޮށް ފާއިތުވި 2 މަސް ދުވަހުގެ ތެރޭގައި ބިދޭސީންނާ ގުޅޭ 626 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. އެމައްސަލަތަކުގެތެރެއިން މިވަގުތުވެސް 496 މައްސަލަ އަންނަނީ ބަލަމުންނެވެ. އިމިގްރޭޝަންއިން ވިދާޅުވީ މީގެތެރެއިން 105 ވެރިފައި ކުރަމުންދާކަމަށެވެ.

އިމިގްރޭޝަނުން ފަށާފައިވާ މަސައްކަތްތަކުގެތެރެއިން އެންމެ ބޮޑު މަސައްކަތަކީ، މި ނިޒާމުގެތެރެއިން ހުށައަޅާ މައްސަލަތަކާ ގުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނަށް އިމިގްރޭޝަންގެ އޮފިސަރުން ގޮސް އެ ތަންތަން ބަލާ ފާސްކުރުމަށް ކުރިއަށްގެންދާ މަސައްކަތްތަކާއި ރެއިޑްތަކެވެ. މިގޮތަށް ގަވާއިދާ ޚިލާފަށް ބިދޭސީން އުޅެމުންދިޔަ އަދި ވިޔަފާރިކުރަމުންދިޔަ 266 ތަނެއް ރެއިޑްކޮށްފައިވެއެވެ.

އިމިގްރޭޝަނުން މިހާތަނަށް ވަނީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3542 ބިދޭސީއަކު ރާއްޖެއިން ފޮނުވާލާފައެވެ. މީގެތެރޭގައި ގިނައީ ސައްޙަ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދިޔަ މީހުންނެވެ. އަދި އަމިއްލަ މަންފާ ހޯދުމަށް ތަފާތު ވިޔަފާރިތައް ހިންގަމުން ދިޔަ ގިނަ ބިދޭސީންތަކެއްވެސް ހިމެނެއެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައިގެ އިތުރުން ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީންގެ މައުލޫމާތުވެސް "އިމިގްރޭޝަން ވޮޗް" މެދުވެރިކޮށް ހިއްސާ ކުރެވޭނެއެވެ.

މީގެއިތުރުން މައްސަލަ ހުށައަޅާ މީހާގެ މަޢުލޫމާތު ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް 24 ގަޑިއިރު ރިޕޯޓް ކުރުމުގެ ފުރުސަތު އޮންނައިރު، މައުލޫމާތާ ފޮޓޯވެސް މި ޕްލެޓްފޯމް މެދުވެރިކޮށް ހުށަހެޅޭނެއެވެ.

ސަރުކާރުން އަމާޒުހިފާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.