ޚަބަރު

ބަންކަރިން ޚިދުމަތަށް އެދި މިހާރުވެސް ބުކިން ލިބެން ފަށައިފި؛ މާކެޓް ފުޅާވާނެ: އެސްޓީއޯ


  • ފުރަތަމަ ޚިދުމަތް ދޭނީ އެމްއެމްއެސް އިން އޮޕަރޭޓް ކުރާ އަޅަނދަކަށް

  • މި ޚިދުމަތް އެސްޓީއޯއިން ފަށާނީ ދެ ބޯޓެއް މެދުވެރިކޮށް

މިހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ބަންކަރިން ޚިދުމަތަށް ބުކިން ލިބެމުންދާކަމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ވިދާޅުވީ، ބަންކަރިން ޚިދުމަތް މިމަހުގެ 19 ވަނަ ދުވަހު ފެށުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މި ޚިދުމަތް ފެށުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއެކު ގުޅިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯއިން އެންމެ ފުރަތަމަ ބަންކަރިން ޚިދުމަތް ފޯރުކޮށްދޭނީ ޤައުމީ ޝިޕިންގް ކުންފުނި، އެމްއެސްއެސް އިން އޮޕަރޭޓް ކުރަމުން އަންނަ "ވައި.ސީ ބެރިއާރ"އަށެވެ. އަދި މިއީ މި އުޅަނދަށް ޝެޑިއުލްކުރެވި ދެވޭ ޚިދުމަތެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެ ކުރިން ބަންކަރިން ހޯދުމަށް މި އުޅަނދު ދަތުރުކުރަނީ، އަވަށްޓެރި ލަންކާއަށެވެ. އެއީ ރާއްޖެއިން "ލޯ ސަލްފާ ފިއުލް" ލިބެން ނެތުމުން ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

"ވައި.ސީ ބެރިއާރ"އަކީ ކޮލަންބޯ އާއި މާލެއާ ދެމެދު ދަތުރުކުރާ އުޅަނދެކެވެ. މަހެއްގެ މައްޗަށް 200 ޓަނުގެ ތެޔޮ ބޭނުން ކުރާ މިއުޅަނދަކީ 1،100 ކޮންޓެއިނަރ އުފުލުމުގެ ޤާބިލުކަން ހުރި އުޅަނދެކެވެ.

މި ހަފްތާގެ ތެރޭގައި ބަންކަރިން ޚިދުމަތް އެސްޓީއޯއިން ފަށާއިރު، މިހާރުވެސް މި ޚިދުމަތަށް އެދި ބުކިންތައް ލިބެމުންދާ ކަމަށް އެކުންފުނިން ވިދާޅުވެއެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކޮށް، އިތުބާރުހުރި ޚިދުމަތަކަށްވުމުން މާކެޓް އިތުރަށް ފުޅާވެގެންދާނެކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ބަންކަރިން ޚިދުމަތް ފެށުމަކީ ސަރުކާރުގެ އެންމެ މުހިންމު ޢިޤްތިޞާދީ އެއް ސިޔާސަތެވެ. އެގޮތުން ރާއްޖެ ސަރަހައްދަކީ ދުވާލެއްގެެ މައްޗަށް އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދެކެވެ. މިސަރަހައްދުގައި ބަންކަރިން ޚިދުމަތް ދެނީ އަވަށްޓެރި ލަންކާ، އާއި އިންޑިއާއިންނެވެ.

އެ ޤައުމުތަކުގެ ބަނދަރުތަކުން މި ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، ރާއްޖޭގައި މި ޚިދުމަތް ފަށަނީ، ދެ ބޯޓާ އެކުއެވެ. އެއީ އޮފް-ޝޯ ކޮށް ދޭ ޚިދުމަތެކެވެ. އެސްޓީއޯއިން މި ޚިދުމަތް ފޯރުކޮށްދެނީ ދުނިޔޭގައި ބަންކަރިން ޚިދުމަތް ދިނުމުގެ މަޝްހޫރު ވިޓޯލް ކުންފުންޏާ ގުޅިގެންނެވެ. ވިޓޯލްގެ މެޕްގައި ރާއްޖެ ވަނީ ހިމަނާފައެވެ.

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށުމުން މުޅިން އަލަށް 400 މިލިއަން ޑޮލަރު ޖީޑީޕީއަށް ވަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއީ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް އާމްދަނީ އިތުރުކުރުމަށް ފެށުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.

އެސްޓީއޯއިން ބަންކަރިން ޚިދުމަތް ފޯރުކޮށްދޭން ފަށާއިރު، މި ޚިދުމަތާއި ގުޅޭ އިތުރު 14 ޚިދުމަތެއް އުތުރު މެރިޓައިމް ސާވިސްގެ ތެރެއިން އެމްޕީއެލްއިން ފޯރުކޮށްދޭނެ ކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި މިކަމަށް ޚާއްސަ ވެބްސައިޓެއްވެސް އެކުންފުނިން ވަނީ އިފްތިތާހްކޮށްފައެވެ.