ސަރުކާރުގެ އަމާޒަކީ ހައިޑްރޯ ފްލޯރޯ ކާބަން، އެޗްއެފްސީ ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުންކަމަށް ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
އަލީ ޝަރީފް މިހެން ވިދާޅުވީ މިއަހަރުގެ ބައިނަލްއަޤުވާމީ އޯޒޯން ދުވަހާ ގުޅުވައިގެން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ކުރިއަށްގެންދާ ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
އޯޒޯން ޑޭ ފޯރަމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސްގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް އަލީ ޝަރީފް ވިދާޅުވީ އޯޒޯން ފަށަލައަކީ އިރުގެ އަލިން ދުނިޔެ ހިމާޔަތްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެއްކަށްވާއިރު, އިންސާނުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ ސަބަބުން މި ފަށަލަ ތުނިވަމުން އަންނަ ކަމަށެވެ. އެގޮތުން އެއަރޕޯޓާއި އޭވިއޭޝަންގެ މަސައްކަތްތަކުގައިވެސް ގިނަ އަދަދަކަށް ވިހަ ގޭސްތައް ޖައްވަށް ދޫކުރެވޭކަން އަލީ ޝަރީފް ފާހަގަކުރެއްވިއެވެ. އެހެންކަމުން ޖައްވަށް ދޫކުރާ ގޭސްތައް މަދުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް އަލީ ޝަރީފް ވިދާޅުވިއެވެ.
އަލީ ޝަރީފް ވިދާޅުވީ ރާއްޖޭގައި އެންމެ ގިނައިން ޖައްވަށް ދޫކުރެވޭ އެއް ގޭހަކީ ހައިޑްރޯ ފްލޯރޯ ކާބަން، އެޗްއެފްސީކަމަށާއި މިއީ ދުނިޔެ ހޫނުވުމަށް މަގުފަހިކޮށްދޭ މާއްދާތަކެއް ހިމެނޭ ގޭހެއްކަމަށެވެ.
"އެމްއޭސީއެލްއިން ގްރީން އިނިޝިއޭޓިވްއެއް ފެށުމަކީ ވަރަށް އުފާކުރާކަމެއް. އެ ކުންފުނިން އަމާޒު ހިފާފައިވަނީ އެއަރޕޯޓުގައި ބޭނުންކުރާ 90 އިންސައްތަ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށް ހެދުމަށް. މިއީ ރައީސް އިޢުލާންކުރައްވާފައިވާ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 30 އިންސައްތައަކީ އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުގެ މަޝްރޫޢަށް ބާރުލިބޭނެ ކަމެއް." އަލީ ޝަރީފް ވިދާޅުވިއެވެ.
އޯޒޯން ދުވަހާ ގުޅުވައިގެން ބާއްވާ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުވަނީ އެމްއޭސީއެލްއަކީ ތިމާވެށްޓާ ރަށްޓެހި ފިޔަވަޅުތަކެއް އަޅާނެ ކުންފުންޏަކަށްވާނެކަމުގެ ޔަޤީންކަންދެއްވާފައެވެ. އަދި މުސްތަޤުބަލުގައި އިރުން އުފައްދާ އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ ކުންފުންޏަކަށް އެމްއޭސީއެލްވާނެ ކަމަށާއި އަމާޒަކީ ބޭނުންވާ މިންވަރަށްވުރެ އިތުރަށް އިރުން ހަކަތަ އުފައްދާ ވިއްކުންކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އެމްޑީ ވިދާޅުވީ ކުންފުނިން ބޭނުންކުރާ އުޅަނދުތަކަކީވެސް އިޢާދަކުރަނިވި ހަކަތަ ބޭނުންކުރާ އުޅަނދުތަކަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ތެޔޮ ޚަރަދު ކުޑަ ޖެނެރޭޓަރ ހޯދުމުގެ މަސައްކަތް ކުރަމުން. ޑީސަލް އަންދާ މިންވަރު މިހާރުވެސް ކުރިއަށްވުރެ 20 އިންސައްތަ ކުޑަ ކުރެވިއްޖެ." އިބްރާހީމް ޝަރީފް ވިދާޅުވިއެވެ.
އެމްއޭސީއެލްގެ އޯޒޯން ޑޭ ފޯރަމް ކުރިއަށްދަނީ 1 ދުވަހުގެ މުއްދަތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައެވެ. މި ފޯރަމްގައި އެމްއޭސީއެލްގެ މުވައްޒަފުންގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ މުވައްޒަފުންވެސް ބައިވެރިވެއެވެ.
ޖައްވަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ސަބަބުން އޯޒޯން ފަށަލައަށް ކުރާ އަސަރުތަކާއި މިފަދަ ގޭސްތައް ބޭނުންކުރުން މަދުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މި ފޯރަމްގައި މަޢުލޫމާތު ދެވޭނެކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ.
ކޮންމެ އަހަރަކުވެސް ބައިނަލްއަޤުވާމީ އޯޒޯން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ސެޕްޓެންބަރު މަހުގެ 16 ވަނަ ދުވަހެވެ. މިފަދަ ދުވަހެއް ފާހަގަކުރުމުގެ އެއް ބޭނުމަކީ އޯޒޯން ފަށަލައަށް ލިބެމުންދާ ގެއްލުންތައް ހަނދާންކޮށް އެ ގެއްލުންތައް މަދުކުރުމަށް ދުނިޔޭގެ ޤައުމުތަކުން މަސައްކަތްކުރުމެވެ.