ޚަބަރު

އައިޔޫއެމްގެ ކޮންފަރެންސަށް މިއަހަރު 169 ކަރުދާހެއް


  • މިއީ އެންމެ ގިނަ ކަރުދާސް ލިބުނު އަހަރު

  • މިއީ މިކޮންފަރެންސް ބާއްވާ 9 ވަނަ އަހަރު

އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ކޮންފަރެންސަށް މިފަހަރު 169 ކަރުދާސް ލިބިފައިވާކަމަށް އެ ޔުނިވަރސިޓީން ވިދާޅުވެއްޖެއެވެ. އައިޔޫއެމުން ވިދާޅުވީ، މިއީ މިހާތަނަށް އެންމެ ގިނަ ކަރުދާސް ލިބުނު އަހަރުކަމަށެވެ.

އައިޔޫއެމްގެ "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އިންޓެލެކްޗުއަލް އެޑްވާންސްމަންޓް" ކޮންފަރެންސަކީ ސިލްސިލާކޮށް ބާއްވަމުން އަންނަ ކޮންފަރެންސެކެވެ. މިއީ މިކޮންފަރެންސް ބާއްވާ 9 ވަނަ އަހަރެވެ.

އައިޔޫއެމްގެ ސެންޓަރ ފޯރ ރިސަރޗް އެންޑް ޕަބްލިކޭޝަންގެ ޑީން ޑރ. އައިމިނަތު ޝާފިޔާ އާދަމް ވިދާޅުވީ، މި ކޮންފަރެންސް މިހާތަނަށް 8 އަހަރު ބާއްވާފައިވާއިރު 1800 ވަރަކަށް ދިރާސާވެރިން މި ކޮންފަރެންސްގައި ބައިވެރިވެފައިވާކަމަށެވެ. މި ކޮންފަރެންސްގެ މައިގަނޑު މަޤްސަދަކީ ދިރާސާތަކުގެ ހޯދުންތައް ހިއްސާކުރުމާއި، އިންޓަރނޭޝަނަލް ރިސާޗް ކޮމިއުނިޓީއާއި ގުޅުން ބަދަހިކުރުމާއި، ދުނިޔޭގެ ފެންވަރުގެ މުހިންމު މައުޟޫޢުތަކަށް މަޝްވަރާކޮށް ޚިޔާލުތައް ހިއްސާކުރުންކަމަށް ޝާފިޔާ ވިދާޅުވިއެވެ.

މި ކޮންފަރެންސްގައި މިއަހަރު 169 ކަރުދާހެއް ހުށައަޅާފައިވާއިރު މިއީ މިހާތަނަށް މި ކޮންފަރެންސްގައި އެންމެ ގިނަ އަދަދަކަށް ކަރުދާސް ލިބުނު ފަހަރުކަމަށް އޭނާ ވިދާޅުވިއެވެ. މި ކޮންފަރެންސް އޮންނާނީ މިމަހުގެ 28 އިން 29 އަށެވެ.

"169 ސަބްމިޝަން އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. 169 އަކީ މިހާތަނަށް 8 އަހަރު ނިމިފައި ހުރިއިރު އަދި މިހާތަނަށް އެންމެ ހަޔަސްޓް. އެހެންވީމަ މިއީ ވަރަށް ބޮޑު ބަދަލެއް. މީގެތެރޭގައި އެބައޮތް 85 އިންޓަރނޭޝަނަލް ކަރުދާސް. އެވެސް ވަރަށް ބޮޑު ކުރިއެރުމެއް. މާނައަކީ 85 ޕްރެޒެންޓާސް އަޅުގަނޑުމެންނަށް އެބައޮތޭ ޝައުގުވެރިކަން ހުށައަޅާފައި." ޑރ. ޝާފިޔާ ވިދާޅުވިއެވެ.

އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ ކޮންފަރެންސްގައި މުޅިން އަލަށް ޕާޓްނަރޝިޕް ޕަބްލިކޭޝަން ޤާއިމްކޮށްފައިވާކަމަށް އައިޔޫއެމުން ވަނީ ވިދާޅުވެފައެވެ. މިއަހަރުގެ ކޮންފަރެންސްގައި މެލޭޝިއާ، ބުރުނާއި، އިންޑޮނޭޝިއާގެ ޔުނިވަރސިޓީތަކުން ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އައިޔޫއެމުން ވަނީ ފާހަގަކޮށްފައެވެ.

މިފަހަރު އެންމެ ގިނައިން ކަރުދާސް ލިބިފައިވަނީ ތައުލީމީ ދާއިރާއިންނެވެ. މީގެއިތުރުންވެސް ގާނޫނީ ދާއިރާ، މެނޭޖްމަންޓްގެ ދާއިރާއިންވެސް ކަރުދާސްތައް ވަނީ ލިބިފައެވެ. އެންމެ ގިނައިން ކަރުދާސް ހުށައަޅާފައިވަނީ އިނގިރޭސިބަހުންނެވެ. ނަމަވެސް ދިވެހި ބަހުންނާއި އަރަބި ބަހުންވެސް ކަރުދާސްތައް ލިބިފައިވާކަމަށް އިސްލާމީ ޔުނިވަސިޓީ އޮފް މޯލްޑިވްސްއިން ވަނީ ވިދާޅުވެފައެވެ.