ޚަބަރު

އަސްކަރީ ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ ސިލްސިލާ މަޝްވަރާތައް ރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ފަށައިފި


  • ރާއްޖޭގެ ދިފާޢީ ދާއިރާއަށް އޮސްޓްރޭލިޔާއިން ދީފައިވާ އެހީތެރިކަން ރާއްޖެއިން ފާހަގަކުރި

  • ދިވެހި ސިފައިންނަށްދޭ ތަމްރީންތައް ފުޅާކުރުމުގެ މުހިންމުކަން އޮސްޓްރޭލިޔާއިން ފާހަގަކުރި

އަސްކަރީ އެކި ދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއާ ދެމެދު ފަށައިފިއެވެ.

މި މަޝްވަރާތައް ފަށާފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި އޮސްޓްރޭލިޔާގެ ޤައުމީ ދިފާޢީ ބާރާ ދެމެދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ ދިވެހި އަސްކަރިއްޔާއާއި އޮސްޓްރޭލިޔާގެ އަސްކަރިއްޔާއާ ދެމެދު ސިލްސިލާ ގޮތެއްގައި ބައްދަލުވުންތައް ކުރިއަށްދާނެކަމަށެވެ. އަދި މި ބައްދަލުވުންތައް ބޭއްވުމުގެ މަޤުޞަދަކީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާއި ޒަމާނީ އަސްކަރީ ތަޢުލީމު ފޯރުކޮށްދިނުމާއި މަޢުލޫމާތު ބަދަލުކުރުމުގެ ދާއިރާތަކުން ގުޅުން ބަދަހިކުރުންކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ. އަދި ދިފާޢީ ދާއިރާއާ ގުޅުންހުރި އެކި ހުނަރުތައް ދިވެހި ސިފައިންނަށް ދަސްކޮށްދިނުމަކީވެސް ބައްދަލުވުންތައް ފެށި ބޭނުމެއްކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވިއެވެ.

ދިވެހި އަސްކަރިއްޔާއާއި އޮސްޓްރޭލިޔާގެ އަސްކަރިއްޔާއާ ދެމެދު ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުމުގައި ދިވެހި އަސްކަރިއްޔާގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޒެވެ.

މި ބައްދަލުކުރެއްވުމުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ވަނީ ދެ ޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސިފައިންނަށް މީގެ ކުރިން އޮސްޓްރޭލިއާއިން ދެއްވާފައިވާ ތަމްރީންތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

ހަމައެއާއެކު ޤައުމީ ކުއްލި ހާލަތްތަކާއި ޤުދުރަތީ ކާރިސާތަކުގައި ރާއްޖެއަށް އެހީތެރިވުމުގައި އޮސްޓްރޭލިއާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަންވެސް އަޙްމަދު އިޔާޒް ފާހަގަކުރައްވައި، ޝުކުރު އަދާކުރެއްވިއެވެ.

ބައްދަލުވުމުގައި އޮސްޓްރޭލިޔާގެ ފަރާތުން އެންމެ އިސް ބޭފުޅަކަށް ހުންނެވީ އެ ޤައުމުގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ނޯތު އެންޑް ސައުތު އޭޝިއާ ބްރާންޗްގެ އެސިސްޓެންޓް ސެކްރެޓަރީ، މިސް ކެރެން ރެޑްފޯޑެވެ. ކެރެން ރެފޯޑްވަނީ ރާއްޖޭގެ ދިފާޢީ ދާއިރާގެ ތެރޭގައި ދިވެހި ސިފައިންގެ ހުނަރުތައް ތަރައްޤީކޮށް، އެމީހުން ތަމްރީންކުރުމަށް ހިންގާ ޕްރޮގުރާމްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

އޮސްޓްރޭލިޔާއިން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1974 ވަނަ އަހަރުއެވެ. އޭގެފަހުން އޮސްޓްރޭލިޔާއިން ދަނީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތައް ވެދެއްވަމުންނެވެ.