ޚަބަރު

ލ. ގަމާއި ފޮނަދޫގައި ވެމްކޯގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ


  • އަންނަ މަހުގެ ކުރީކޮޅު ޚިދުމަތް ފަށާނެ

  • މަސައްކަތަށް ބޭނުންވާ މުވައްޒަފުން ވަނީ ނަގާފައި

  • ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ލ. އަތޮޅުގައި ވެމްކޯގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ވެމްކޯއިން ވިދާޅުވީ ކުނި އުކާލުމުގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު ލ. އަތޮޅުގެ ގުޅިފައިވާ ދެ ރަށުގައި ފަށާނެކަމަށެވެ.

ވެމްކޯގެ ޚިދުމަތް ފަށާނީ ލ. ގަން އަދި ފޮނަދޫއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވެމްކޯއިން ވިދާޅުވީ އެކޯރޕަރޭޝަންގެ ޓީމްތައް މިހާރު އެ ރަށްރަށުގައި ހަރަކާތްތެރިވަމުންދާކަމަށެވެ.

ވެމްކޯއިން ފޮނަދޫގެ 950 ގޭބިސީ އަދި ގަމުގެ 750 ގޭބިސީއަކަށް ކުނި ނެގުމުގެ ޚިދުމަތް ދޭނެއެވެ. އަދި މިވަގުތުވެސް ގެތަށް ރެޖިސްޓްރީކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

ވެމްކޯއިން ވިދާޅުވީ، މަސައްކަތްކުރަމުންދަނީ އަންނަ މަހުގެ ކުރީކޮޅު ޚިދުމަތް ފެށުމަށްކަމަށެވެ. އެގޮތުން މި މަސައްކަތަށް ބޭނުންވާ މުވައްޒަފުން ނަގާ އެމީހުންނަށް ތަމްރީންތައް ދިނުމުގެ މަސައްކަތް ވެމްކޯގެ ޓީމްތަކުން ގަމާ ފޮނަދޫގައި ވަނީ ފަށާފައެވެ. އަދި ވެމްކޯގެ އިދާރީ މަސައްކަތްތަކަށް ބޭނުންވާ އޮފީސް ޤާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

މީގެއިތުރުން ކުނި ނެގުމުގެ މަސައްކަތަށް ބޭނުންވާ އިތުރު ވަސީލަތްތަކާއި މެޝިނަރީ އެ ރަށަށް ގެންދިއުމުގެ މަސައްކަތްތައްވެސް ކުރަމުންދާކަމަށް ވެމްކޯއިން ވަނީ ވިދާޅުވެފައެވެ. މި ދެ ރަށުގައިވެސް ޚިދުމަތް ދޭނީ ވަކިން ކުނި މެނޭޖުކުރާ ގޮތަށެވެ.

ވެމްކޯގެ ޚިދުމަތް އެ އަތޮޅަށް ތަޢާރަފުކޮށް ޚިދުމަތަށް ހޭލުންތެރިކުރުމުގެގޮތުން ޚާއްސަ އާއިލީ ހަވީރެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހަވީރު ފޮނަދޫގައި މިމަހުގެ 27 ވަނަ ދުވަހު އަދި ގަމުގައި 29 ވަނަ ދުވަހު އޮންނާނެއެވެ.

ވެމްކޯއިން ވިދާޅުވީ ކުނި ނެގުމުގެ މަސައްކަތްތައް ކުރާއިރު ބާވަތްތައް ވަކިކޮށްގެން ކުނި ނެގުމާއި ކުނި މެނޭޖުކުރުމުގައި އެންމެ ރަނގަޅު ގޮތްތައް ޚިޔާރުކުރާނެކަމަށެވެ.

ވެމްކޯއިން މިހާތަނަށް ވަނީ ރާއްޖޭގެ ހުރިހާ ސިޓީތަކުގައި ޚިދުމަތް ފަށާފައެވެ. މީގެއިތުރުން ކ. މާފުއްޓާއި ރ.ވަންދޫގައި ވެމްކޯގެ ޚިދުމަތް ޤާއިމުކޮށްފައިވެއެވެ.