ޚަބަރު

ޓެކްނޮލޮޖީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ގޫގުލްއާއެކު ރައީސްގެ މަޝްވަރާތަކެއް


  • ރައީސުލްޖުމްހޫރިއްޔާ ވަނީ ނިއުޔޯކުގައި ހުންނަ ގޫގުލްގެ އޮފީހަށް ޒިޔާރަތްކުރައްވާފައި

ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ޓެކްނޮލޮޖީ ކުންފުނިކަމަށްވާ، އެމެރިކާގެ ގޫގުލްއާއެކު ރާއްޖެއިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބޭއްވެވީ އދގެ އާއްމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުޔޯކުގައި ހުންނަ ގޫގުލް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޒިޔާރަތުގައެވެ.

ގޫގުލް އޮފީހަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ގޫގުލް ޕަބްލިކް ސެކްޓަރގެ ސީ.އީ.އޯ، ކެރެން ދޭހަތް އެވެ. ‎ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ‎