ޚަބަރު

ހިތުގެ ބައްޔަށް ވާރުތަވާނެފަދަ އަލާމާތްތައް ގިނަ މީހުންގެ ކިބައިން ދަނީ ފެންނަމުން: ސިއްހަތާބެހޭ ވަޒީރު


  • ރާއްޖޭގެ އާބާދީ ކުޑަވިޔަސް އާންމުންގެ މެދުގައި ސިއްހީ މައްސަލަތައް ގިނަކަން ދަނީ ފާހަގަވަމުން

ހިތުގެ ބައްޔަށް ވާރުތަވާނެފަދަ އަލާމަތްތައް ގިނަ މީހުންގެ ކިބައިން ފެންނަމުންދާކަމަށް ސިއްހަތާބެހޭ ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ކުޑަކުދިންނަށާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުން ވަނީ ބައިވެރިވެފައެވެ. މި ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިސްކަލް ރޭހަކާއި އިތުރު ހަރަކާތްތައް ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާފައެވެ.

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަޒީރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރާއްޖޭގެ އާބާދީ ކުޑަވިޔަސް އާންމުންގެ ސިއްހީ މައްސަލަތައް ގިނަ ކަމަށެވެ. އެގޮތުން 2023-2015 ވަނަ އަހަރަށް އުމުރުން 65-15 އަހަރުގެ 4.7 އިންސައްތަ މީހުންނަށް ހިތުގެ ބައްޔާއި ސްޓްރޯކް ޖެހޭކަމަށް ރާއްޖޭގައި ހެދި ދިރާސާއަކުން ދެއްކި ކަމަށެވެ.

"ހިތުގެ ބަލީ ޖެހިގެން ކޮންމެ އަހަރަކު 17 މިލިއަން މީހުން މަރުވާ ކަމަށް ދުނިޔޭގެ ހާރޓް ފެޑެރޭޝަން އިން ލަފާކުރޭ." ވަޒީރު ވިދާޅުވިއެވެ.

ހިތުގެ ބައްޔަށް ވާރުތަވާފަދަ އަލާމަތްތައްވެސް ގިނަ މީހުންގެ ކިބައިން ފެންނަކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ހިތުގެ ސިއްހަތު ރަނގަޅު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި ކޮންމެ މީހަކު ވެސް ހެލިފެލިވެ އުޅުމަށާއި ރަނގަޅު އާދަތައް ގައިގައި އަށަގެންނެވުމަށް ވަޒީރު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކޮންމެ އަހަރެއްގެ 29 ސެޕްޓެންބަރަކީ ދުނިޔޭގެ ހިތުގެ ބަލީގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުންދާ ދުވަހެކެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްޞަދަކީ ހިތުގެ ދުޅަހެޔޮކަމާބެހޭ ގޮތުން ޢާންމުން ހޭލުންތެރިކޮށް، ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ދިރިއުޅުން ބައްޓަން ކުރާނެ ގޮތާއި ހިތުގެ ބަލިތަކުގެ ނުރައްކާ ޢާންމުންނަށް އަންގާ ޢާންމުން ހޭލުންތެރި ކުރުމެވެ.