ޚަބަރު

"މަޑިވަރު އެއަރޕޯޓުގެ މުވައްޒަފުންގެ ވަޒީފާތަކެއް ނުގެއްލޭނެ، ފްލައިޓު އޮޕަރޭޝަންވެސް ނުހުއްޓޭނެ"


  • އައިލެންޑު އޭވިއޭޝަނާއި އެކުވެފައިވާ އެއްބަސްވުން މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ

  • މިއީ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެއް

  • އެއަރޕޯޓުގައި 22 މުވައްޒަފުން ވަޒީފާ އަދާކުރޭ

މަޑިވަރު އެއާޕޯޓުގެ ހިންގުމަށް ބަދަލު އައި ނަަމަވެސް އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއްޖެއެވެ.

ޅ. މަޑިވަރުގައި ހިންގާ މަޑިވަރު އެއާޕޯޓަކީ ދިވެހި އަމިއްލަ ކުންފުންޏެއްކަމަށްވާ ކުރެއްދޫ ހޯލްޑިންގްސްއިން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

މި އެއަރޕޯޓު ހިންގުމަށްޓަކައި އައިލެންޑު އޭވިއޭޝަނާއި އެކުވެފައިވާ އެއްބަސްވުން މި ފެށޭ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެ އެއަރޕޯޓުގައި 22 މުވައްޒަފުން މަސައްކަތްކުރަމުންދާއިރު، އެއްވެސް މުވައްޒަފެއްގެ ވަޒީފާ ނުގެއްލޭނެކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ.

ކުރެއްދޫ ހޯލްޑިންގްސްއާއެކު މިކަމާއި ގުޅޭ މަސައްކަތްތައް ކުރެވެމުންދާ ކަމަށާއި، އެ އެއަރޕޯޓަށް މިހާރުވެސް ދަތުރުތައް ކުރަމުންދާގޮތަށް މޯލްޑިވިއަނުން ދަތުރުތައް ބާއްވާނެކަމުގެ ޔަޤީންކަންވެސް އައިލެންޑް އޭވިއޭޝަނުން ދެއްވައެވެ.

2022 ވަނަ އަަހަރު ހުޅުވާފައިވާ މަޑިވަރު އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ތަރައްޤީކޮށްފައިވެއެވެ.