ޚަބަރު

އެމް-ފައިސާގެ ޚިދުމަތް ދޭން އުރީދޫގެ ސަބްސިޑަރީ ކުންފުންޏަކަށް ހުއްދަދީފި


  • މަރުކަޒީ ބޭންކުން މި ހުއްދަ ދިނީ އިއްޔެ

  • އެމް-ފައިސާގެ ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން ފޯރުކޮށްދޭން ފަށާނެ

އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، 'އެމް-ފައިސާ'ގެ ޚިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދޫކޮށްފިއެވެ.

ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ޚިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުންޏަށް މަރުކަޒީ ބޭންކުން އިއްޔެ ވަނީ ދޫކޮށްފައެވެ.

ޤައުމީ ޕޭމެންޓް ނިޒާމުގެ ޤާނޫނުގެ ދަށުން، މާލީ ޚިދުމަތް ދިނުމުގެ ލައިސެންސް ދެވޭނީ އެކަމަށް ޚާއްސަ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީކޮށްގެންނެވެ. އެއާއެކު، އެމް-ފައިސާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފައްދައި ރަޖިސްޓްރީ ކުރީ މެއި މަހުގައެވެ.

އުރީދޫން މީގެ ކުރިން އާންމުކޮށްފައިވާ ގޮތުން މާދަމާއިން ފެށިގެން އެމް-ފައިސާގެ ޚިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން ފޯރުކޮށްދޭން ފަށާނެއެވެ.

އެމް-ފައިސާ މެދުވެރިކޮށް ބައެއް ކެފޭ އަދި ފިހާރަތަކަށްވެސް ފައިސާ ދެއްކެއެވެ. އަދި ބަނޑޭރިޕޭ މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށްވެސް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކެއެވެ.