ޚަބަރު

އެކުއެކީގައި: މެލޭޝިއާގައި ތަޢުލީމު ހާސިލުކުރާ ދިވެހިންނަށް ޚާއްސަ ޕްރޮގްރާމެއް


  • މި ޕްރޮގްރާމުގައި ރަޖިސްޓްރީވާންވަނީ ހުޅުވާލާފައި

  • މި ޕްރޮގްރާމު އޮންނާނީ މިމަހުގެ 12ގައި

މެލޭޝިއާގައި ތަޢުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން "އެކުއެކީގައި"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް މެލޭޝިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނުން ނިންމަވައިފިއެވެ.

މިމަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ މި ޕްރޮގްރާމުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ. އަދި މިހާތަނަށް 122 އަށްވުރެ ގިނަ ކުދިން ރަޖިސްޓްރީވެފައިވާކަމަށް ހައިކޮމިޝަނުން ވިދާޅުވެއެވެ.

މި ޕްރޮގްރާމަކީ މެލޭޝިއާގައި މިހާރުވެސް ތަޢުލީމު ހާސިލުކުރަމުންދާ އަދި މި ސެމިސްޓަރގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ވިސާއާއި ގުޅޭ މަޢުލޫމާތުތަކާއި، މެލޭޝިއާގެ އާދަކާދަތަކާ މެދު ހޭލުންތެރިވުމާއި، ދަތުރުފަތުރުކުރުމާ ގުޅޭ މައުލޫމާތުތައްވެސް ދިނުމަށްވަނީ ހަމަޖެހިފައެވެ.

ހައި ކޮމިޝަނުން ވިދާޅުވީ، މި ޕްރޮގްރާމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކުުރުމާއި، އެކަމަށް ހައްލުތަކެއް ހޯދުމަށް އެހީތެރިވެދިނުން ކަމަށެވެ.


އެގޮތުން ކިޔެވުމަށް އެކަނި ދިރިއުޅޭ ދަރިވަރުންނަށް ކުރިމަތިވާ އެކަނިވެރިވުމުގެ އިހްސާސްތަކާއި މާޔޫސްވުން ފަދަ ކަންކަމުގައި ބޭނުންވާ ކައުންސިލިންގވެސް ފޯރުކޮށްދިނުމާ ގުޅޭ މަޢުލޫމާތުތައް މި ޕްރޮގްރާމުގައި ދެވިގެންދާނެއެވެ.

ހައި ކޮމިޝަނުން ވިދާޅުވީ، ކުރިމަގުގައި މި ޕްރޮގްރާމުގެ އިތުރު ސެޝަންތައް ބޭއްވުމަށް ރާވާފައިވާ ކަމަށެވެ.

މެލޭޝިއާއަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްޓަކައި ގިނަ އަދަދެއްގެ ދިވެހިން ދާ ޤައުމެކެވެ. އެގޮތުން މިހާރުވެސް އެޤައުމުގައި 1800 އަށްވުރެ ގިނަ ދިވެހިން ދަނީ ތަޢުލީމު ހާސިލުކުރަމުންނެވެ.