ޚަބަރު

ހިރިމަރަދޫގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ފަށައިފި


  • ހިރިމަރަދޫ އާބާދީއަކީ 293 މީހުން

  • ވ. ރަކީދޫންވެސް ވަނީ އާބާދީ ބަދަލުކުރުމަށް އެދިފައި

  • އާބާދީ ބަދަލުކުރުމަށް ރައްޔިތުންނާއި ކައުންސިލުން މަޝްވަރާކޮށް، އެއްބަސްވާންޖެހޭ

ހދ. ހިރިމަރަދޫ ރައްޔިތުން ބޭނުންވާގޮތަށް އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަޝްވަރާތައް ސަރުކާރުން ފަށްޓަވާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާކަން ސަރުކާރަށް ހުށަހަޅުއްވާފައިވަނީ ވަޒީރު އާދަމް ޝަރީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައި މިދިޔަ މަހުގައެވެ. އެ ރަށުގެ ރައްޔިތުން އެދެނީ ކ. ތުލުސްދުއަށް ބަދަލުވުމަށެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ރަށެއްގެ ރައްޔިތުން އަމިއްލައަށް ބޭނުންވެގެން އާބާދީ އެހެން ރަށަކަށް ބަދަލުކުރަން ބޭނުންވާނަމަ ސަރުކާރަށް އެކަން ހުށަހެޅުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ. މިގޮތުން މިހާތަނަށް ދެ ރަށަކުން އެކަމަށް އެދިފައިވެއެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމާ އެއްގޮތަށް ހދ. ހިރިމަރަދޫގެ ރައްޔިތުން އެހެން ރަސަކަށް ބަދަލުކުރުމަށް މަޝްވަރާތައް މިހާރު ފަށްޓަވާފައިވާކަމަށެވެ.

ރަށްރަށުގެ އާބާދީ ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވުޒާރާއިންނެވެ. އެ ވުޒާރާއިންވެސް ވަނީ އެކަމުގެ މަޝްވަރާތައް ފަށާފައިވާކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ހިރިމަރަދޫގެ އިތުރުން، އާބާދީ ބަދަލުކުރުމަށް ސަރުކާރުގައި އެދިފައިވަނީ ވ. ރަކީދޫންނެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އާބާދީ ބަދަލުކުރުމުގައި ސަރުކާރުގެ ސިޔާސަތަކީ ރައްޔިތުން އަމިއްލައަށް އިސްނަގައިގެން ރައްޔިތުންގެ ދިރިއުޅުން އެންމެ ރަނގަޅުވާނެ ގޮތަކާމެދު ވިސްނައިގެން ކުރާ ކަމެއްގެ ގޮތުގައި އެކަން ކުރުން ކަމަށެވެ. މިކަމުގައި ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ތަރައްގީގެ 20 އަހަރުގެ ޕްލޭނެއް ތައްޔާރުކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ ފެންވަރު ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދެވޭނީ ކުދި އާބާދީތައް އެހެން ރަށްރަށަށް ބަދަލުކޮށްގެންކަމަށް ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.

"މިހާރުވެސް ދައުލަތުން 187 ރަށަށް ސިއްޙީ މަރުކަޒުވެސް ތަޢުލީމީ ކަންކަން ވިޔަސް އަދި ރަށުގެ ކައުންސިލްވެސް ގާއިމްކުރެވި މުނިސިޕަލް ޚިދުމަތްތައްވެސް ދޭންޖެހޭ. އާބާދީގެ ނިސްބަތަށް ބަލާއިރު މިކަންކަމަކީ ކުދި ރަށްރަށަށް އަދި ޤައުމަކަށް ބަލާއިރު ރާއްޖެ ކަހަލަ ޤައުމަކަށް ޚަރަދުތައް ބެހިގެންދާގޮތަށް ބަލާއިރު ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ފިކުރު ކުރާ ކަންތައްތައް. އަދި އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދެވޭނީ ކިހިނެތްތޯ އެއީ ރައްޔިތުން ވަރަށް ބޮޑަށް ވިސްނާ ކަންތައްތައް. އަދި ސަރުކާރުންވެސް ވިސްނާ ކަންކަން. އެހެންވީމަ މިކަންކަމުގެ އަލީގައި އެންމެ ރަނގަޅުގޮތަކީ ކޮބައިތޯ ބަލާއިރު މިއަދު ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރޭ އެހެން ތަނަކަށް ހިޖުރަ ކުރުމުގެ ސަބަބުން ކުރިއެރުންތަކެއް ލިބިދާނެ ހާލަތްތައް އެބަހުރިކަން،" ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވިއެވެ.

ހިރިމަރަދޫ އަކީ ރާއްޖޭގެ އެންމެ އާބާދީ މަދު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އެގޮތުން އެންމެ ފަހުގެ ބޯހިމެނުމުން ދައްކާގޮތުގައި އެރަށުގެ އާބާދީއަކީ، 293އެވެ.

ވަޒީރު ވިދާޅުވީ މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ރަށްތަކުގެ ރައްޔިތުން އެހެން ރަށްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ނަތީޖާވެސް ރަނގަޅު ކަމަށެވެ.