ޚަބަރު

މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ ރައީސް ކުށްވެރިކުރައްވައިފި


  • ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާ ސަޢޫދީ އަރަބިއްޔާއިން ވަނީ ނާކާމިޔާބުކޮށްލާފައި

މައްކާގެ މުޤައްދަސް ބިމަށް ޙޫޘީން ދޭން އުޅުނު ޑްރޯން ހަމަލާއަކީ އިސްލާމީ އުއްމަތުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ޔަމަނުގެ ޙޫޘީން ޑްރޯން ހަމަލާއެއް ފޮނުވާލާފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ. ސައުދި އަރަބީއްޔާއިން ވަނީ މި ހަމަލާ ނާކަމިޔާބުކޮށް ޑްރޯން ވައްޓާލާފައެވެ.

ޙޫޘީން ދިން ހަމަލާއާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ވިދާޅުވީ، މައްކާގެ މުޤައްދަސް ބިމަށް އަމާޒުކޮށް ދޭން މަސައްކަތް ކުރި މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވރިކުރާ ކަމަށެވެ. މިއީ މައްކާގެ މުޤައްދަސް ބިމުގެ ޚުރުމަތައް ނުރަކައްވާގޮތަށް ދިން ހަމަލާއެއް ކަމަށާއި މި ހަމަލާ އިސްލާމީ އުއްމަތުން ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއިން އޮތީ ސަޢުދި އަރަބީއްޔާއާއެކު އެކުގައި ކަމަށާއި، މައްކާގެ މުޤައްދަސް ބިމާއި، އެ ބިމުގައި ދިރިއުޅޭ ފަރާތްތަކާއި ޙަރަމްފުޅަށް އަޅުކަމުގައި ދާ ފަރާތްތަކުގެ ރައްކަލަށް ރޯޔަލް ސަޢުދީ އެއަރ ޑިފެންސް ފޯސެސްއިން އެޅުއްވި އަވަސް ފިޔަވަޅުތަކަށް ފާހަގަކުރައްވާ ކަމަށެވެ. އަދި މިފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފް ކުރައްވާފައެވެ.

މިފަދަ ޙަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައްވަމުން، މިމައްސަލައިގައި އިތުރަށް މަސްރަޙު ގޯސްވިޔަނުދީ، ސުލްޙައާއި މަޝްވަރާގެ މަގު އިޚުތިޔާރުކުރުމަށް ގުޅުންހުރި އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.