ޚަބަރު

އޯގަސްޓްމަހުގެ ނިޔަލަށް 13،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މާލީއެހީ ފޯރުކޮށްދީފި


  • މާލީ އެހީ ފޯރުކޮށްދިނީ 13،866 ދަރިވަރުންނަށް

  • ދަރިވަރުންނަށް 689،663،352 ރުފިޔާ ޚަރަދުކުރި

މިދިޔަ އޯގަސްޓްމަހުގެ ނިޔަލަށް 13،000 އަށް ވުރެ ގިނަ ދަރިވަރުންނަށް މާލީ އެހީތެރިކަން ފޮރުކޮށްދީފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މަތީ ތަޢުލީމަށް ކިޔަވަމުން ދާ ދަރިވަރުންގެ ތެރެއިން 13،866 ދަރިވަރުންނަށް 689 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަމަށެވެ. މި ސްކީމްތަކުގެ އިތުރުން ވެސް މަތީ ތަޢުލީމުގެ ފުރުޞަތުތަށް ދިވެހިރާއްޖޭގެ ދަރިވަރުންނަށް ފަހިކޮށްދިނުމަށް އަމާޒުކޮށް އެ ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން މިހާރުވެސް ޖަޕާނު، ތުރުކީ، މެލޭޝިޔާ، ޗައިނާ އަދި އިނގިރޭސިވިލާތް ފަދަ އެތައް ޤައުމެއްގެ އެންބަސީތަކާއި، ޔުނިވަރސިޓީތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވައި، އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ސްކޮލަޝިޕް ފުރުޞަތުތަކާގުޅޭ އެއްބަސްވުންތަކުގައި އަންނަނީ ސޮއިކުރަމުންނެވެ.

ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކޮށް، ތަފާތު އެކި ދާއިރާތަކުގައި ފަޒީފާ ޢަދާކުރުމުގެ ފުރުޞަތު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މަތީ ތަޢުލީމު ހާޞިލުކުރުމަށް ބޭނުންވާ މާލީ އެހީ ފޯރުކޮށްދިނުމާއި، މަސައްކަތްތެރިކަމުގެ ދާއިރާތަކުން ޒުވާނުން ތަމްރީނުކުރުމުގެ އެތަށް މަސައްކަތެއް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

އެގޮތުން، ލޯނު ސްކީމް، ފުރަތަމަ ޑިގްރީ އަދި ސްކޮލަރޝިޕް ސްކީމްތަކާ ގުޅޭ އިދާރީ މަސައްކަތްތަކާއި، ބޭރު ޤައުމުތަކުގެ އެންބަސީ އަދި ޔުނިވަރސިޓީތަކާއި ބައްދަލުކުރައްވައި، ދިވެހި ދަރިވަރުންނަށް މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.