ޚަބަރު

ޔަހޫދީ ފައުޖުން އެއްގަމު މަގުން ލުބްނާނަށް ޢުދުވާންތައް ފުޅާކޮށްފި


ޔަހޫދީ ފައުުޖުގެ ނިރުބަވެރި ސިފައިން ބަރުހަތިޔާރާ އެކު ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައި ޢުދުވާނީ ޙަމަލާތައް ފުޅާކޮށްފިއެވެ. ޔަހޫދީ ފައުޖުން ލުބްނާނަށް ވައިގެ ޙަމަލާތައް ދޭން ފަށާފައި ވަނީ ސެޕްޓެންބަރު 23ވަނަ ދުވަހުއެވެ. އެއަށް ފަހު, އެއްގަމު މަގުން ލުބްނާނަށް އެރުމަށް ޔަހޫދީ ފައުޖުން ވަނީ ގިނަ ޢަދަދެއްގެ ހައްދުފަހަނަ އެޅި ސިފައިންނާއި ބަރުހަތިޔާރު, ޒަޔަނިސްޓު ދައުލަތާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރިއަށް ޖަމާކުރަން ފަށާފައެވެ.

ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައިވާނެކަން ޔަހޫދީ ފައުޖުން ވަނީ ކަށަވަރު ކޮށްދީފައެވެ. ލުބްނާންގެ ދެކުނަށް އެއްގަމު މަގުން ފޮނުވާފައިވާ ޔަހޫދީންގެ އަނިޔާވެރި ސިފައިންނާއި އަސްކަރީ ޓޭންކުފަހަރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކާއި ޑްރޯންތަކުން ދަނީ މެދުކެނޑުމެއް ނެތި ލުބްނާންގެ ޢާންމުންގެ ގެދޮރަށް ބޮން އަޅަމުންނެވެ.

ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ސެޕްޓެންބަރު 23ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު 1,030އަށް އުފުލިފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 95އަށް އަރައެވެ. ޔަހޫދީ ފައުޖުގެ ޢުދުވާންތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 6,300އަށް އުފުލިފައިވާއިރު, ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުން ޝަހީދު ކޮށްލާފައިވާ އިތުރު މީހުންގެ ހަށިތައް ދަނީ ފެންނަމުންނެވެ.

ލުބްނާނުގެ ދެކުނުގެ ރަށެއް ކަމުގައިވާ ޢަޔިޠު އަލް-ޝަޢުބުގެ ރައްޔިތުން ބުނީ, ޔަހޫދީ ފައުޖުގެ އަސްކަރީ ޓޭންކުފަހަރުން އެ ރަށުގެ ޢާންމުން ދިރިއުޅޭ ގެދޮރަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތަކެއް ދެމުންދާ ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ޔަހޫދީ ފައުޖުގެ އަސްކަރީ ހެލިކޮޕްޓަރުތަކާއި ޑްރޯންތައް ހަރަކާތްތެރިވަމުންދާ ކަމަށާއި, ޢާންމުންގެ ގެދޮރަށް ބޮންއަޅަމުންދާ ކަމުގައެވެ. ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ރުމަޔިޝްގެ ރައްޔިތުން ރޭގަނޑު ނިދާފައި ތިބި ވަގުތުގައި ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ އެ ރަށަށް ވެސް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.

ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރަށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން އެއްގަމު މަގުން ލުބްނާނުގެ ރަށްތަކަށް އަރައިގަނެ ޤަތުލުޢާންމު ފުޅާ ކުރުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު މި ވަނީ އެތައް ގުނައަކަށް ހޫނުވެފައެވެ. މިއާ އެކު, މެދުއިރުމަތީގައި ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމުގެ ބިރު ވެސް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ޙިޒްބުالله ނައްތައިލުމުގެ ނަމުގައި ލުބްނާނުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތައް ހިންގަމުންދާއިރު, ޙިޒްބުاللهއަކީ މެދުއިރުމަތީގެ ގަދަފަދަ ބާރެއް ކަމުގައިވާ އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތެކެވެ.

މެދުއިރުމަތީގެ މަސްރަޙު ހޫނުކޮށް, ސަރަޙައްދީ ހަމަނުޖެހުންތަކެއް ފެށުމަށް މަސައްކަތް ކުރަމުން ދަނީ ޔަހޫދީ ފައުޖުން, ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ނަތަންޔާހޫ އަޑީގައި ހުރެގެންނެވެ. ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ބޮޑު ޢުދުވާނެއް ފަށާފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ފެށި ލާއިންސާނީ ޖަރީމާތަކަށް އަހަރެއް ފުރުމާ ގާތްވެފައި ވަނިކޮށެވެ. ޣައްޒާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,615އަށް އުފުލިފައެވެ.

ލުބްނާނުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުންދާ ވައިގެ ޙަމަލާތަކުގައި ޞަޔިދުގެ ދެކުނުން އޮތް ޢަޔިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއް ދިނެވެ. ފަލަސްޠީނުގެ ރެފިއުޖީން ދިރިއުޅޭ އެ ކޭމްޕުގެ ގެއަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާއަކީ މުނީރު މިޤްދާޙް ޝަހީދު ކޮށްލުމުގެ ބޭނުމުގައި ދީފައިވާ ޙަމަލާތަކެއް ކަމަށް ޔަހޫދީ ފައުޖުން ބުންޏެވެ. އޭނާއަކީ, ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރާ ފަތަޙް ޖަމާޢަތުގެ ލުބުނާން ގޮފީގެ ކޮމާންޑަރެވެ. އޭނާ ހާލު ސާފެއް ނޫނެވެ.

ލުބްނާނުގެ އިތުރުން ސޫރިޔާއަށް ވެސް ޔަހޫދީ ފައުޖުން ދަނީ ލާއިންސާނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން, ސޫރިޔާގެ ވެރިރަށް ދިމިޝްޤުގައި ހުރި ޢާންމުން ދިރިއުޅޭ އިމާރާތްތަކަށް ބޮންއަޅައި ޔަހޫދީ ފައުޖުން ވަނީ ޢާންމުންގެ ތިން މީހުން ޝަހީދުކޮށްލައި އިތުރު ނުވަ މީހުން ޒަޚަމު ކޮށްލާފައެވެ. އެ ޙަމަލާތަކުގެ ޒިންމާ އުފުލަން ޔަހޫދީ ފައުޖުން ވަނީ ދެކޮޅު ހަދާފައެވެ.

އެއްގަމު މަގުން އަރައި ލުބްނާނުގެ ޢާންމު ރައްޔިތުންނަށް ޙަމަލާދޭ ޔަހޫދީ ފައުޖުގެ ސިފައިންނާ ކުރިމަތިލައި, ޖިހާދު ކުރަން ޙިޒްބުاللهން ތައްޔާރަށް އޮތް ކަމުގައި އެ ޖަމާޢަތުން ދާދިފަހުން ވަނީ ހާމަކޮށްފައެވެ. "ކޮންމެ ފަދަ ހާލަތަކާ ވެސް ކުރިމަތިލާން ޖެހިދާނެ, އަދި އެއްގަމު މަގުން [ލުބްނާނަށް] އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން ނިންމައިފި ނަމަ, އަޅުގަނޑުމެންގެ ލަޝްކަރުން އޮތީ އެ ކަމަށް ތައްޔާރަށް،" ޔަހޫދީންގެ އަނިޔާވެރި މަޤުޞަދުތައް ފޭލުކޮށްލާނެ ކަމުގެ އިންޒާރު ދެއްވަމުން އެ ޖަމާޢަތުގެ ވެރިޔާގެ ނައިބު ނަޢީމް ޤާސިމް ވިދާޅުވެފައިވެއެވެ.