ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑޭނެ: ސްޓެލްކޯ


  • ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރާތީ މާދަމާ ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް

  • މި މަސައްކަތް މާދަމާ ހެނދުނު 09:30 އިން 11:30 އަށް ކުރިއަށްދާނެ

  • އަދި މެންދުރުފަހު 2:00 އާއި 4:00 އަށް ކުރިއަށްދާނެ

ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތެއް ކުރާތީ، މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ހެނދުނު ކަރަންޓު ކެނޑުން އެކަށީގެންވާކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ، އެކުންފުނިން މާލޭ ސަރަޙައްދުގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މި މަސައްކަތް ކުރިއަށްދާނީ މާދަމާ ހެނދުނު 09:30 އިން 11:30 އަށް އަދި މެންދުރުފަހު 2:00 އާއި 4:00 ދެމެދުކަމަށް އެކުންފުނިން ވިދާޅުވެއެވެ.


ސްޓެލްކޯއިން ވިދާޅުވީ، މާދަމާ ހެނދުނު 09:30 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ފާށަނާކިލެގެފާނު މަގު އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަޙައްދުންކަމަށެވެ. އަދި މެންދުރުފަހު 2:00 އާއި 3:00 އާ ދެމެދު ކަރަންޓް ކެނޑުން އެކަށީގެންވަނީ މާލެ ސިޓީ، ފަރީދީ މަގު، ލިލީ ގޯޅި، ނަރުގަސް ގޯޅި އަދި ޗަންޕާ މަގު ހިމެނޭ ސަރަޙައްދުންކަމަށްވެސް ސްޓެލްކޯއިން ވިދާޅުވެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެތީ، އެކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށެވެ.