ޚަބަރު

ޕީޖީއަށް 20 ދުވަހުގެ ތެރޭގައި ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


  • އެއްވެސް މައްސަލައެއް އަމިއްލަފުޅަށް ރިވިއު ނުކުރައްވާނެ

  • ހުށަހަޅާ މައްސަލަތައް ރިވިއު ކުރަންވީ ސަބަބު ސާފުކޮށް ބަޔާންކުރުމަށް އެދިވަޑައިގެންނެވި

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅަން ބޭނުންވާ ޝަކުވާތައް ހުށަހެޅުމަށް 20 ދުވަހުގެ މުއްދަތެއް އެ އޮފީހުން ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަލްއުސްތާޛް ޢައްބާސް ޝަރީފެވެ. މި ފުރުޞަތު ހުޅުވާލެއްވީ މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން ގިނަ ބައެއްގެ ޝަކުވާތައް ނުރަސްމީކޮށް ލިބޭތީކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީގެ މަގާމުގައި 3 ހަފުތާގެ ތަޖުރިބާ ނޫސްވެރިންނާ ހިއްސާކުރައްވައި އަލްއުސްތާޛް ޢައްބާސް ޝަރީފް ވިދާޅުވީ، ޕްރޮސެކިއުޝަންގެ ކަންކަން އެ އޮފީހުގައި ތަރުތީބުވެފައިވާ ކަމަށާއި އޮފީހުގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަނގަޅު ސިސްޓަމެއް ގާއިމުވެފައިވާ ކަމަށެވެ. އަދި މިވަގުތު އެ އޮފީހުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށްވެސް އިތުބާރު އެބައޮތް ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ މި ފާއިތުވި 3 ހަފުތާގެ ތެރޭގައި ގިނަ ބައެއްގެ ފަރާތުން އެކި ވަސީލަތްތައް މެދުވެރިކޮށް ޝަކުވާތައް ލިބެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތައް ބެލުމަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމުގެ ނިޒާމެއް ޕީޖީ އޮފީހުގެ ވެބްސައިޓާއި އެކި ގޮފިތަކުގައި މިހާރު ޤާއިމުވެފައިވާނެ ކަމަށް ވިދާޅުވިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ 20 ދުވަހަށެވެ.

ޕީޖީ އޮފީހަށް އާންމުކޮށް ލިބެނީ ކުރިން ކޮށްފައިވާ ދައުވާތަކާ ގުޅުންހުރި ޝަކުވާތައްކަން ޕީޖީ ފާހަގަކުރެއްވިއެވެ. އަދި މައްސަލަތައް ލަސްވުމާއި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގައި ލުއި ހޯދަން އެދެމުން އަންނަކަމަށްވެސް ވިދާޅުވިއެވެ.

މި ޝަކުވާތައް ހުށަހަޅާއިރު ޝަކުވާ ބަލަންވީ ސަބަބު ސާފުކޮށް ބަޔާންކުރަންޖެހޭނެކަން ފާހަގަކުރައްވައި ޕީޖީ ވިދާޅުވީ، އެ ޝަކުވާތަކާ ގުޅިގެން އެއްވެސް ނިންމުމެއް ބަދަލުކުރައްވާނަމަ ސަބަބުތައް އާންމުކޮށް ހިއްސާކުރައްވާނެ ކަމަށެވެ. އަދި އަމިއްލަފުޅަށް އެއްވެސް މައްސަލައެއް ރިވިއު ނުކުރައްވާނެ ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމިއްލައަށް ރިވިއުކުރަން ނުނިންމާ ސަބަބަކީ، އޭރުން އަޅުގަނޑަށް އަންނާނެ އެލިގޭޝަން އަޅުގަނޑަށް ވަކި މައްސަލައެއް ނުނެގިއްޖެއްޔާ ނުވަތަ ވަކި މައްސަލައެއް ނަގާފަ، އޭގައި ކުރީގެ ޕީޖީގެ ޑިޒިޝަން ބަދަލުކޮށްފިއްޔާ އަޅުގަނޑަށް އެލިގޭޝަން އަންނާނެ އަޅުގަނޑު އަމިއްލަ ޕާސަނަލް ކޮންމެވެސް ކަމެއްގައޭ އެ މައްސަލަ ޗޫސް ކުރީ. އަޅުގަނޑު ބޭނުމެއް ނޫން އެ ފުރުސަތު ދޭކަށް. އެހެންވެ އަޅުގަނޑު ޕަބްލިކަށް މި ހުޅުވާލީ،" ޕީޖީ ޢައްބާސް ޝަރީފް ވިދާޅުވިއެވެ.

ޕީޖީ ވަނީ އެ އޮފީހުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ސިސްޓަމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ބައެއް އުޞޫލުތައް އިސްލާހު ކުރުން ހިމެނޭކަން ޕީޖީ އަލްއުސްތާޛް ޢައްބާސް ޝަރީފް ވަނީ ވިދާޅުވެފައެވެ.