ޚަބަރު

ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވައްދަން ލާޒިމްކޮށްފި


  • އަލަށް ޢަމަލުކުރަން ފެށީ ބޭރު ފައިސާގެ ޤަވާއިދަށާއި، މަނީ އެކްސްޗޭންޖުތަކުގެ އައު ޤަވާއިދަށް

  • އައު ޤަވާއިދުގެ ތެރެއިން ފަތުރުވެރިކަމުން ވަންނަ ބޭރު ފައިސާގެ ވަކި މިންވަރެއް ބޭންކިން ނިޒާމަށް މާރުކުރަން މަޖުބޫރުވާނެ

ރާއްޖޭގެ ބޭންކިން ނިޒާމުގައި ދައުރުވާ ބޭރު ފައިސާގެ ނިސްބަތް އިތުރުކޮށް، ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ބޭންކިން ނިޒާމުގެ ތެރެއިން ބޭރު ފައިސާ މާރުކުރަން މަޖުބޫރުވާގޮތަށް މަރުކަޒީ ބޭންކް، އެމްއެމްއޭއިން އައު ދެ ޤަވާއިދެއް ތަޢާރަފްކޮށްފިއެވެ.

މިއަދު ޢަމަލުކުރަން ފަށާފައިވާ މި ދެ ޤަވާއިދަކީ މީގެ 37 އަހަރު ކުރިން އެކުލަވާލި ބޭރުފައިސާއާބެހޭ ޤަވާއިދާއި މަނީ ޗޭންޖާބެހޭ ޤަވާއިދު އުވާލުމަށް ފަހު އަލުން އެކުލަވާލި ދެ ޤަވައިދެވެ.

މި ދެ ޤަވާއިދުވެސް މިހާރު ގެޒެޓްކޮށްފައިވާއިރު، މީގެ އެންމެ މުހިންމު އެއް ބޭނުމަކީ، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަމުންދާ ބޭރު ފައިސާ އިތުރުކުރުމާއި، ބޭންކިން ނިޒާމުން ވިޔަފާރިތަކަށާއި އާންމުންގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާގެ ނިސްބަތް އިތުރުކުރުމަށް މަގު ފަހިކުރުމެވެ.

މީގެ އިތުރުން، އެކްސްޗޭންޖް ރޭޓް ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އެމްއެމްއޭ އިން ފޮރިން އެކްސްޗޭންޖް މާކެޓަށް ވިއްކަމުންދާ ބޭރުފައިސާގެ އަދަދު އިތުރުކުރުމަށް ވެސް މި ޤަވާއިދުތަކުގެ ތެރެއިން މަގުފަހިވެގެންދާނެ ކަމަށް މަރުކަޒީ ބޭންކުން ފާހަގަކުރެއެވެ.

އެމްއެމްއޭއިން އައު ދެ ޤަވާއިދެއް އެކުލަވާލާފައިވާއިރު، ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުމަށް ލާޒިމް ކުރެއެވެ. އެގޮތުން އެފަރާތްތަކުން ޤަވާއިދަށް ޢަމަލުކުރަށް ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރެޖިސްޓްރީކުރަންޖެހޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

މިގޮތުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ފަރާތްތަކުން އެ މަހެއްގައި ފޯރުކޮށްދޭ ޚިދުމަތުގެ ތަފްސީލް ޖެހިގެން އަންނަ މަހުގެ 28 ގެ ކުރިން އެމްއެމްއޭއަށް ހުށަހަޅަން ޖެހެއެވެ. އަދި އެފައިސާ ތިން މަސްދުވަހުގެ ތެރޭގައި ދިވެހި ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއިން ހުއްދަދެވިފައިވާ ބޭންކަކަށް ޖަމަޢުކުރުމަށް އަލަށް ޢަމަލުކުރަށް ފެށި ޤަވާއިދު ލާޒިމް ކުރެއެވެ.

އައު ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.


ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން މިޤަވާއިދުގެ އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.

ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.

އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.

މިހާރު ޢަމަލުކުރަން ފެށި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.

ބޭރު ފައިސާ ގެންގުޅުމުގެ ޤަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މަނީ ޗޭންޖަރ ޤަވާއިދަށްވެސް އެމްއެމްއޭއިން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ބޭރު ފައިސާގެ ގަތުމާއި ވިއްކުމުގެ ވިޔަފާރިއަށް ލައިސެންސް ދޫކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ލައިސެންސް ދޫކުރާ ފަރާތްތަކުން ސެކިއުރިޓީ ޑިޕޮޒިޓެއްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓާ ގޮތަށް ޤަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ. މީގެ އިތުރުން މި ވިޔަފާރި ކުރެވޭނީ ދިވެހިންނަށް އެކަނި ކަމަށް ޤަވާއިދަށް ގެނައި އިސްލާހުގައިވެއެވެ.