އެތައް ސަތޭކަ އެތުލީޓުންނާއެކު ކުރިއަށްދިޔަ ރާއްޖެ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ 20 އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުންނަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ އަތޫފް މުޙައްމަދު އާތިފް އަދި އައްޑޫގެ ހައްވާ ޖަދުވާ މުސްޠަފާ ހޮވިއްޖެއެވެ.
ހަތަރު އޭޖް ގުރޫޕަކުން 33 ޓީމު ބައިވެރިވި އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި 95 އިވެންޓެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޗެމްޕިއަންޝިޕުގައި 866 އެތުލީޓުން ބައިވެރިވެފައިވެއެވެ. އެއީ 499 ފިރިހެން އެތުލީޓުންނާއި 367 އަންހެން އެތުލީޓުންނެވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 20 އަހަރުން ފަށުގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އަތޫފް ހޮވުނުއިރު އޭނާ ވަނީ 100މ ދުވުމާއި ލޯންގް ޖަމްޕުން ރަން މެޑަލް އަދި 200މ ދުވުމުން ލޯ މެޑަލް ހާސިލްކޮށްފައެވެ. އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ޖަދުވާ ވަނީ 200މ އަދި 400މ ދުވުމުން ރަން މެޑަލް ހޯދާފައެވެ.
މި އުމުރުފުރާގެ މެންސް ޗެމްޕިއަންކަން ވިލާ އިންޓަނޭޝަނަލް ހައިސްކޫލް (ވީއައިއެޗްއެސް) ހޮވުނުއިރު ވިމެންސް ޗެމްޕިއަންކަން ހޯދީ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.
އެތުލެޓިކްސް ޗެމްޕިއަންޝިޕުގެ 18 އަހަރުން ދަށުގެ އުމުރުފުރާއިން މެންސް އަދި ވިމެންސް ބައިގެ ޗެމްޕިއަންކަން ހޯދީ ވެސް ސީއެޗްއެސްއީ - މާލެއިންނެވެ. އެންމެ މޮޅު ފިރިހެން އެތުލީޓަކަށް އެ ސުކޫލުގެ ރާއިފް މުޙައްމަދު ހޮވުނުއިރު އޭނާ ވަނީ ލޯންގް ޖަމްޕް އަދި ހައިޖަމްޕުން ރަން މެޑަލް ހާސިލްކޮށްފައެވެ. އަދި 800މ ދުވުމުން ރިހި މެޑަލް ވެސް އޭނާ ހޯދާފައިވެއެވެ.
މި އުމުރުފުރާގެ އެންމެމޮޅު އަންހެން އެތުލީޓަކަށް ހޮވުނީ ސީއެޗްއެސްއީގެ އައިމިނަތު ލުޙްޔާ އަޙްމަދެވެ. ލުޙްޔާ ވަނީ 200މ އަދި 400މ ދުވުމުން ރަން މެޑަލް އަދި ލޯންގް ޖަމްޕުން ލޯ މެޑަލް ހާސިލްކޮށްފައެވެ.
މި ޗެމްޕިއަންޝިޕުގައި ދެން އޮތީ 16އަހަރުން ދަށުގެ އުމުރުފުރާ އަދި 14 އަހަރުން ދަށުގެ އުމުރުފުރައެވެ. 16 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު އެތުލީޓަކަށް އަޙްމަދު އަލޫފް ހޮވުނުއިރު 400މ އަދި 800މ ދުވުމުން ރަން މެޑަލް ހޯދާފައެވެ. އަދި މި އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު އައިމިނަތު ނީމް މުޙައްމަދު ވަނީ 80މ ހާޓަލްސް، އަދި ހައިޖަމްޕުން ރަން މެޑަލް ހާސިލްކޮށްފައެވެ. މީގެއިތުރުން ޖެވެލިން ތުރޯއިން އޭނާ ވަނީ ރިހި މެޑަލް ވެސް ހޯދާފައެވެ.
މި އުމުރުފުރާގެ ފިރިހެން ޗެމްޕިއަން ޓީމަކަށް ހުރަވީ ޓީމު ހޮވުނުއިރު އަންހެން ޗެމްޕިއަން ޓީމަކަށް ހޮވުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލެވެ.
މި ޗެމްޕިއަންޝިޕުގައި އެންމެ ހަގު އުމުރުފުރައެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ 14 އަހަރުން ދަށުގެ އުމުރުފުރާގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހުރަވީ ސުކޫލުގެ އައިޝަތު ލީމް ހޮވުނުއިރު އޭނާ ވަނީ 80މ ހާޓަލްސް، އަދި ހައިޖަމްޕުން ރަން މެޑަލް ހޯދާފައެވެ. މި އުމުރުފުރާގެ އެންމެ މޮޅު ފިރިހެން އެތުލީޓަކަށް ހޮވުނީ ރެހެންދި ސުކޫލުގެ ޝަޔާން އަސްލަމެވެ. ޝަޔާން ވަނީ 80މ ހާޓަލްސް، އަދި ހައިޖަމްޕުން ރަން މެޑަލް އަދި ޑިސްކަސް ތުރޯއިން ރިހި މެޑަލް ހޯދާފައެވެ.
މި އުުމުރުފުރާގެ ފިރިހެން އަދި އަންހެން ޗެމްޕިއަން ޓީމަކަށް ވެސް ހޮވުނީ ރެހެންދި ސުކޫލެވެ.
އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުން ގިނަ އެތުލީޓުންތަކެއް ފާހަގަވާއިރު މިހާރުގެ އެތުލެޓިކްސް ގައުމީ ޓީމުގެ ގިނަ އެތުލީޓުންނަކީ އިންޓަރ ސްކޫލް މުބާރާތުން ފާހަގަވި އެތުލީޓުންކަން ފާހަގަކޮށްލެވެއެވެ. 2026 ވަނަ އަހަރުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕް ކުރިއަށް ދިޔައީ މިމަހުގެ 10ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހުގެ ނިޔަލަށް، އެކުވެނި ސިންތެޓިކް ޓްރެކުގައެވެ.