ޚަބަރު

އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވަންޖެހޭ: ރައީސުލްޖުމްހޫރިއްޔާ


  • އިސްރާއީލުގެ އަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވަންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރާއީލުން ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައިވާކަމަށެވެ. އަދި އިސްރާއީލުގެ މި އަމަލުތައް އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރައްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިސްރާއީލުގެ އަމަލުތަކަކީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާއި ބައިނަލްއަގުވާމީ އެހެން ގާނޫނުތަކާވެސް ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަމަށެވެ. އަދި އިސްރާއީލުން ޣާއްޒާއާއި ލުބްނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ބައިނަލްއަގުވާމީ މުޖްތަމައުން ހުއްޓުވައި، އެކަމަށް ޖަވާބުދާރީކުރުވަން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.