ޚަބަރު

މޯލްޑިވިއަން ސީޕްލޭން ވިޔަފާރި އިތުރަށް ތަރައްގީކުރުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމަށް ނިންމަވައިފި


  • މިއީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެއް

މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކުރުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ހޯމަދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފިނޭންސުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް) އިން ހިންގަމުން ގެންދާ "މޯލްޑިވިއަން ސީޕްލޭން" ވިޔަފާރި ޒަމާނީކޮށް، އިތުރަށް ފުޅާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް އާއެކު) ސްޓްރެޓީޖިކް ޕާޓްނަރޝިޕެއް ޤާއިމްކޮށް، މި ޕާޓްނަރޝިޕްގެ ދަށުން ސީޕްލޭން ޚިދުމަތް ދިނުމަށްޓަކައި، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށެވެ. އެގޮތުން އައި.އޭ.އެސް.އެލް ގެ ފުރިހަމަ ކޮންޓްރޯލް އޮންނަގޮތަށް، އެމް.އޭ.ސީ.އެލް އާއެކު ޖޮއިންޓް ވެންޗަރ ކުންފުންޏެއް އުފެއްދެވުމުގެ ކަންކަން 2025 އެޕްރީލް 30 އަށް ނިންމެވުމަށާއި އަދި މި ކުންފުނި އުފެއްދެވުމަށްޓަކައި ނިންމަވަންޖެހޭ ކަންކަން އިކޮނޮމިކް ކައުންސިލަށް ހުށަހަޅުއްވައިގެން ކުރިއަށްގެންދެވުމަށް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން ސެޕްޓެންބަރު 30 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް ކަނޑުގެ ވަޞީލަތްތަކުން ލިބޭ ނަފާ އިތުރުކުރުމުގެ ގޮތުން، ކުރިއަށް ގެންދާނެ ކަންތައްތަކެއް ވެސް ވަނީ ނިންމަވާފައެވެ. މިކަންތައްތައް ނިންމަވާފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހުށަހެޅުއްވި ކަރުދާހަށް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން ނިންމެވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި މެރިކަލްޗަރގެ ވިޔަފާރިތައް ޤާއިމުކުރުމަށްޓަކައި، ހެޗަރީތައް ބިނާކުރުމާއި ހެޗަރީގައި އުފައްދާ ބާވަތްތައް މޫދުގެ މާޙައުލުގައި ބޮޑުކުރުމަށް، ފޮރިން އިންވެސްޓްމަންޓްތައް ހިމެނޭގޮތަށް އާންމުކޮށް ހުޅުވާލައިގެން، ވަކި ޒޯނުތަކެއް މެރިކަލްޗަރ ތަރައްޤީކުރާ ޒޯންތަކެއްގެ ގޮތުގައި ކަނޑައެޅުން ހިމެނެއެވެ. އެގޮތުން ކަނޑައެޅުއްވި ޒޯންތަކަކީ:
- ބޮޑުތިލަދުންމަތި (ހދ. އަދި ށ.އަތޮޅު) މެރިކަލްޗަރ ޒޯން
- މާޅޮސްމަޑުލު އުތުރުބުރީ (ރ) އަތޮޅު މެރިކަލްޗަރ ޒޯން
- މުލަކަތޮޅު (މ) އަތޮޅު މެރިކަލްޗަރ ޒޯން
- ކޮޅުމަޑުލު (ތ) އަތޮޅު މެރިކަލްޗަރ ޒޯން މިއެވެ.

މީގެ އިތުރުން މާލެއަތޮޅު ދެކުނުން، ވާދޫ ކަނޑުއޮޅިން ފެށިގެން ގާތްގަނޑަކަށް 7 ކިލޯމީޓަރު ދެކުނުން އޮތް ޖުމްލަ 73 ހެކްޓަރުގެ ފަރުގެ ސަރަޙައްދަކީ ކޮމަރޝަލް ސްކޭލެއްގައި ފާނަ އާލާކުރުމުގެ މަސައްކަތް ހިންގުމަށް ޚާއްޞަކުރެވޭ މޫދުކޮށީގެ ސަރަޙައްދެއްގެ ގޮތުގައި ކަނޑައެޅުމާއި މެރިކަލްޗަރ ކުރުމަށް ކަނޑައަޅާ ޒޯނުތައް ކުއްޔަށް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކެއް ކަނޑައެޅުން މީގެ ތެރޭގައި ހިމެނެއެވެ.