ޚަބަރު

ރަޝިޔާ ސިފައިން ޔޫކްރެއިންގެ ވުހްލެދަރު ހިފުމާ ގާތަށް


ޔޫކްރެއިންގެ އިރުމަތީ ދޮންބާސްގެ ރަށެއް ކަމުގައިވާ ވުހްލެދަރަށް ރަޝިޔާގެ ސިފައިން އަރައިފިއެވެ. އެ ރަށުގެ މެދުގައިވާ ސަރަޙައްދުތަކަށް ރަޝިޔާގެ ފައުޖުތަކުން ދަތުރު ކޮށްފައިވާ ކަން ޔޫކްރެއިންގެ އޮފިޝަލުން ވަނީ ކަށަވަރު ކޮށްދީފައެވެ. ހަނގުރާމައިގެ މައިދާނުން ޢާންމު ކޮށްފައިވާ ވީޑިޔޯތަކުން ފެންނަނީ, ވުހްލެދަރުގައި ހުންނަ އިމާރާތެއްގެ މަތީގައި ރަޝިޔާ ސިފައިން އެ ޤައުމުގެ ދިދަ ވިހުރުވައިލަމުންދާ މަންޒަރެވެ.

މީގެ ދެ އަހަރާއި ހަ މަސް ކުރިން ޔޫކްރެއިންގައި ހަނގުރާމަ ފެށި ރަޝިޔާގެ ސިފައިން ވުހްލެދަރަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާތާ މިހާރު މަސްތަކެއް ފާއިތުވެއްޖެއެވެ. ނަމަވެސް, ޔޫކްރެއިންގެ ފައުޖުތަކުން ދިޔައީ އެ ރަށް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންނެވެ. "ދުޝްމަނުން [ރަޝިޔާގެ ސިފައިން] ވަނީ އެ ރަށުގެ މެދެއްހާ ހިސާބަށް ދަތުރު ކޮށްފައި،" ދޮންބާސްގައި ހިމެނޭ މައި ދެ ސަރަޙައްދުގެ ތެރެއިން ދޮންޏެސްކުގެ ގަވަރުނަރު ވަދިމް ފިލަޝްކިން ވިދާޅުވިއެވެ.

ވުހްލެދަރަށް ރަޝިޔާގެ ސިފައިން އަތްގަދަ ކޮށްފައިވާ ކަން ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ, އަދި އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އަދި, އެ ރަށުގެ ހުރިހާ ސަރަޙައްދަކަށް ރަޝިޔާ ސިފައިން ވެރިވެގަނެފައިވާ ކަން ވެސް ސާފެއް ނޫނެވެ. ޔޫކްރެއިންގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, ވުހްލެދަރު ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންނަށް, އެ ރަށް ދޫކޮށް ފޭބުމަށް އަސްކަރިއްޔާއިން އަންގާފައި ނެތް ކަމުގައެވެ.

މި ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރު, ކްރެމްލިންގެ ތަރުޖަމާނު ދްމީތުރީ ޕިސްކޯފް ވިދާޅުވީ, ހަނގުރާމައިގެ މައިދާނުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ރައީސް ވްލަޑިމިޔަރ ޕުޓިންއާ އެ ޤައުމުގެ އަސްކަރިއްޔާއިން ހިއްސާ ކުރަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ވުހްލެދަރާ ގުޅޭ މަޢުލޫމާތު ހިމެނޭ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް, އެ ރަށް ރަޝިޔާގެ ކޮންޓްރޯލްގެ ދަށަށް ގޮސްފައިވާ ކަން އޭނާ ވެސް ކަށަވަރު ކޮށްދެއްވާފައެއް ނެތެވެ.

ހަނގުރާމައިގެ މައިދާނުގެ ޚަބަރާއި މަޢުލޫމާތު ފަތުރާ ރަޝިޔާގެ ބްލޮގަރުން ބުނީ, ވުހްލެދަރަށް ރަޝިޔާ ސިފައިން ވެރިވެގަތުމާ އެކު, ދޮންބާސް ސަރަޙައްދަށް އަތްގަދަ ކުރަން ކުރަމުންދާ ހަނގުރާމައިގައި އިތުރު ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޤަބޫލު ކުރާ ކަމުގައެވެ. ޔޫކްރެއިންގެ އިރާއި ދެކުނުގެ ސަރަޙައްދުތަކުގެ މެދެއްހާ ހިސާބުގައި އޮތް ވުހްލެދަރަކީ ބިން އުސް ސަރަޙައްދެއްގައި އޮތް ރަށެކެވެ. އެ ރަށަށް ވެރިވެގަތުމާ އެކު, ރަޝިޔާގެ ޢުދުވާންތައް އިތުރަށް ފުޅާ ކުރަން ފަސޭހަވާނެ ކަމަށާއި, އެ ސަރަޙައްދުގައި ތިބި ރަޝިޔާގެ ފައުޖުތަކަށް ހަތިޔާރާއި ސާމާނު ފޯރުކޮށްދޭން ފަސޭހަ ވާނެ ކަމުގައި ވެސް އެ ޤައުމުގެ ބްލޮގަރުން ބުންޏެވެ.

ވުހްލެދަރަށް އަތްގަދަ ކުރަން ރަޝިޔާ ސިފައިން ޙަމަލާ ދޭން ފަށާފައި ވަނީ މީގެ ހަ މަހެއްހާ ދުވަސް ކުރިންނެވެ. ޔޫކްރެއިންގެ އަސްކަރީ ކޮމާންޑަރެއް ކަމުގައިވާ އަންދްރީ ނަޒަރިޔަންކާ ވިދާޅުވީ, ވުހްލެދާރު ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ޔޫކްރެއިންގެ ސިފައިންގެ ހާލަތު ވަރަށް ގޯސް ކަމުގައެވެ. އަދި, އެ ސަރަޙައްދުގައި ތިބި ޔޫކްރެއިންގެ ސިފައިންނަށް އެ ރަށުން ފޭބޭނެ މަގު ފަހިކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ.

އޮގަސްޓު މަހަށް ފަހު ރަޝިޔާއިން ޔޫކްރެއިންގެ އަމާޒުތަކަށް ދެމުންދާ ޙަމަލާތައް އިތުރުކުރިއެވެ. އެއާ އެކު, ރަޝިޔާ ސިފައިންގެ އަތްދަށަށް ވެެއްޓެމުންދާ ރަށްތަކާއި އަވަށްތަކުގެ ޢަދަދު އިތުރުވިއެވެ. ރަޝިޔާގެ ޙަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައި ވަނީ, ރަޝިޔާގެ ހުޅަނގު ކޫރްސްކު ސަރަޙައްދަށް ޔޫކްރެއިނުން ސިފައިން ފޮނުވައި, އެ ސަރަޙައްދުގެ އަވަށްތަކަށް އަތްގަދަ ކުރަން ފެށުމާ ގުޅިގެންނެވެ.

ޔޫކްރެއިންގެ ސިފައިން ކޫރްސްކަށް އަރާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. ކޫރްސްކުގެ 100އެއްހާ އަވަށް ހިމެނޭ ގޮތުން, 1,200އެއްހާ އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައި ޔޫކްރެއިނުން ބުނެއެވެ. ނަމަވެސް, ރަޝިޔާގެ ސިފައިން ދަނީ ޔޫކްރެއިންގެ ފައުޖުތަކާ ކުރިމަތިލަމުންނެވެ. އަދި, ޔޫކްރެއިންގެ ސިފައިން އަތްގަދަ ކޮށްފައިވާ ރަށްތައް މިނިވަން ކުރަން ހަނގުރާމަ ކުރަމުންނެވެ.

2022 ފެބުރުވަރީ 24ގައި ފެށި ހަނގުރާމައިގެ ތެރެއިން ރަޝިޔާއިން މިހާތަނަށް އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ދޮންބާސްގެ ދޮންޏެސްކާއި ލުހާންސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތަކަށް ވެސް ހިމެނެއެވެ. ޒަޕޮރީޜިޔާގައި އޮތް ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާ ވެސް އޮތީ ރަޝިޔާގެ އަތްދަށުގައެވެ. އަދި, ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.