ޚަބަރު

ވިޔަފާރީގެ އެއްބަސްވުމާއެކު ސަޢުދީއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓްކުރަން މަގުފަހިވާނެ: ވަޒީރު ޝިޔާމް


  • މި ފަހުމުނާމާގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު

ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއިން ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ޤާއިމްކުރި ފަހުމުނާމާއެކު ކަނޑުމަހުގެ އުފެއްދުންތައް ސައުދީއަށް އެކްސްޕޯޓްކުރަން މަގުފަހިވާނޭކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ޢަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ސަޢުދީ ޢަރަބީއްޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، ދެ ޤައުމުގެ ދެމެދު ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރައްވާ ދަތުރުފުޅެކެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ޕޯސްޓެއްގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވީ މި ފަހުމުނާމާގެ މަގުސަދަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވައި މަސް އެކްސްޕޯޓް ކުރުމާއި ޓެކްނޮލޮޖީ އަދި މައުލޫމާތު ބަދަލުކުރުން ކަމަށެވެ. މީގެ އިތުރުން ފަހުމުނާމާގެ ސަބަބުން މެރިކަލްޗަރ ދާއިރާއަށް އިންވެސްޓްކުރުމަށް މަގުފަހިވެގެންދާނެކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވައުދުފުޅެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ ސީފުޑްގެ ކުރިއަރަމުން އަންނަ މާކެޓެއްކަމަށާއި ފަހުމުނާމާގެ ސަބަބުން ސައުދީ އަރަބިއްޔާއަށް ކަނޑުމަހުގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާއެކު ސޮއިކުރި ފަހުމުނާމާގެ ތެރެއިން ވަރަށް އަވަހަށް ރާއްޖޭގައި ވިޔަފާރިއަށް ޚާއްސަ ފޯރަމެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.