ޚަބަރު

އައު ޤަވާއިދުގެ ދަށުން ޓޫރިޒަމް ވިޔަފާރިތައް އެމްއެމްއޭގައި ރަޖިސްޓްރީކުރަން ހުޅުވާލައިފި


  • މި މަހުގެ 31 ގެ ކުރިން އެމްއެމްއޭގައި ރަޖިސްޓްރީވުމަށް ވަނީ ހުޅުވާލާފައި

  • މީރާގައި ރަޖިސްޓްރީ ކުރާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ވާންޖެހޭ

ފަތުރުވެރިކަމުގެ ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރަޖިސްޓްރީވުމަށް އަންގާފައި މިވަނީ ފޮރިން އެކްސްޗޭންޖް ރޭޓްގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައެޅުމާއި ފޮރިން އެކްސްޗޭންޖް ރޭޓާބެހޭ އެހެނިހެން ސިޔާސަތުތައް ކަނޑައެޅުމެގެ ގަވާއިދަށް އޮކްޓޫބަރު 1އިން ފެށިގެން އަމަލު ކުރަން ފެށުމާއި ގުޅިގެންނެވެ.

އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކުން މި މަހުގެ 31ގެ ކުރިން އެމްއެމްއޭއަށް ރިޕޯޓިންގ ރިކުއަރމެންޓެއްގެ ގޮތުގައި އެކުލާާވަލާފައިވާ "އެމްއެމްއޭ އެފެެކްސް ޕޯޓަލް ރެޖިސްޓްރޭޝަން ފޯމް" މެދުވެރިކޮށް އެ އޮތޯރިޓީގައި ރަޖިސްޓަރ ކުރަން ވާނެކަމަށެވެ.

އަދި އެ ގަވާއިދަށް އަމަލު ކުރަން ފަށާ ދުވަހުގެ ފަހުން މީރާގައި ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ ފަރާތްތަކާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކުން، މީރާގައި ރަޖިސްޓްރީ ކުރާ 30 ދުވަހުގެ ތެރޭގައި އެ ފޯމް މެދުވެރިކޮށް އެމްއެމްއޭގައި ރެޖިސްޓަރ ކުރަން ވާނެ ކަަމަށްވެސް ވިދާޅުވެފައިވެއެވެ.

މިފަދަ ކަންކަމަކީ ދިވެހިރާއްޖޭގެ ފޮރިން އެކްސްޗޭންޖް މާކެޓް އިތުރަށް ފުޅާ ކުރުމަށާއި، ފޮރިން އެކްސްޗޭންޖް ސިޔާސަތުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް މުހިންމު ކަމެއްކަން އެމްއެމްއޭއިން ފާހަގަކުރައްވައެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް އެކަމަށް އެއްބާރުލުން ދިނުމަށް އެމްއެމްއޭއިން އެދިވަޑައިގަންނަވައެވެ.


ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ ބޭންކިން ނިޒާމަށް ޖަމާކުރުމަށް ލާޒިމްކުރެއެވެ. އެގޮތުން އެފަރާތްތަކުން ޤަވާއިދަށް ޢަމަލުކުރަށް ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރެޖިސްޓްރީކުރަންޖެހޭކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.

ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން މިޤަވާއިދުގެ އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓޫރިސްޓު އުޅަނދުތަކެވެ. އެ ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.

ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ.