ޚަބަރު

އެމްކިޔުއޭއިން މިހާތަނަށް 1333 ސަނަދެއް "ވެލިޑޭޓް"ކޮށްފި


  • އެމްކިއުއޭއަށް ޖުމްލަ 1621 ސަނަދެއް 'ވެލިޑޭޓް' ކުރުމަށް ހުށައަޅާފައިވޭ

މޯލްޑިވިސް ކުއަލިފިކޭޝަންސް އޮތޯރިޓީއިން މިހާތަނަށް 1333 ސަނަދެއް "ވެލިޑޭޓް" ކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ކޮލިފިކޭޝަން ރިކޮގްނިޝަންގެ ޚިދުމަތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުންނާއި ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ފޯރުކޮއްދޭ މަރުކަޒުތަކުން ދަރިވަރުން ހާޞިލްކޮއްފައިވާ ސަނަދުތަކަކީ އެމްކިޔުއޭ އިން ކަނޑައަޅާފައިވާ އެމްއެންއެފްކިޔު ލެވެލަށް ފެތޭ ސަނަދެއްކަން ކަށަވަރުކުރުމުގެ ގޮތުންދޭ ޚިދުމަތެކެވެ.

އަދި ދަރިވަރުން 'ވެލިޑޭޓް' ކުރުމަށް ނުވަތަ ޕްރޮގްރާމެއްގެ ފެންވަރު ކަނޑައެޅުމުގެ ޚިދުމަތަށް އެދި އެމްކިޔުއޭއަށް ސަނަދެއް ހުށަހެޅުމުން އެ އިދާރާއިން އެ ސަނަދެއްގެ ލެވެލް ބަލައި ޗެކްކުރުމަށްފަހު، އެ ސަނަދެއްގެ ލެވެލް އެނގޭނެ، އެމްކިޔުއޭގެ ތައްގަނޑު ހިމެނޭ ލިޔުމެއް ދަރިވަރާއި ހަވާލުކޮށްދެވާނެއެވެ.

އެގޮތުން މިއަހަހަރުގެ މިހާތަނަށް އެމްކިއުއޭއަށް ޖުމްލަ 1621 ސަނަދެއް 'ވެލިޑޭޓް' ކުރުމަށް ހުށައަހަޅާފައިވާކަމަށާއި އޭގެތެރެއިން 1333 ސަނަދެއް "ވެލިޑޭޓް" ކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ވަނީ ވިދާޅުވެފައެވެ.

އެ ވުޒާރާއިން ވިދާޅުވީ ދިވެހިރާއްޖޭގެ ތަޢުލީމީ ޤާނޫނުގައި ބަޔާންކޮށްފައިވާގޮތަށް ރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރު ރަނގަޅުކޮށް، ރާއްޖޭގެ ޔުނިވާސިޓީތަކުގައި ބޭރުގެ ދަރިވަރުން ތަޢުލީމު ހާޞިލުކުރުމަށް ރާއްޖެ އަންނާނެ ފަދަ ހަރުދަނާ ތަޢުލީމީ ނިޒާމެއް ބިނާކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ.

މި އަމާޒަށް ވާސިލްވުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ފެންވަރު ކަށަވަރުކޮށް، ރާއްޖޭގެ ޔުނިވާސިޓީ އަދި ކޮލެޖް އިންސްޓިޓިއުޓް ތަކުން ނިކުންނަ ދަރިވަރުންގެ ތައުލިމީ ފެންވަރު ހަރުދަނާކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ދަށުން އެމްކިޔުއޭ އިން އަންނަނީ ގިނަ މަސައްކަތެއް ކުރަމުންކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.