ޚަބަރު

ކާމިޔާބުކަމާއެކު ފަތުރުވެރިކަން ދެމެހެއްޓުމަށް ޞުލްޙަވެރި ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމު: ރައީސް


  • ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަންކަމަށް ވިދާޅުވި

  • ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަސް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމަށް ސުލަހްވެރި ދިވެހިގޮތްތައް ހިފެހެއްޓުން މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޤައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބިންގަލަކީ މިތުރުވެރިކަން ކަމަށެވެ. އަދި އެކުވެރިކަމާއި ހިތްހެޔޮކަމާއި އަމާންކަމާއި ރައްކާތެރިކަމަކީވެސް ރާއްޖޭގެ ފަތުވެރިކަމުގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ފަތުވެރިކަން ކާމިޔާބުކަމާއެކު ދެމެހެއްޓުމުގައި ދިވެހީންގެ ޞުލްޙަވެރި، އަދި އޮމާން ދިވެހި ގޮތްތައް ހިފެހެއްޓުން ނުހަނު ބޭނުންތެރިކަމަށެވެ.

ރާއްޖޭގައި ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ.

އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހާ ދިމާކޮށް ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ނިންމެވީ ރާއްޖޭގައި ފުރަތަމަ ރިސޯޓެއް ހުޅުވި ތާރިޚާ ދިމާކޮށެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށުނީ 1972 ވަނަ އަހަރުގައެވެ. މިއަދު ރާއްޖޭގެ ފަތުރުވެރިކަމަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމެވެ. ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ޝަރަފް ރާއްޖެއިން ވަނީ ވިދިވިދިގެން 4 އަހަރު ހާސިލްކޮށްފައެވެ.