ޚަބަރު

އެއަރ ކޮންޑިޝަނަރ ގޭސް ބަލްކުކޮށް ގެނެސް ހެޔޮ އަގުގައި ވިއްކާނަން: މޯލްޑިވް ގޭސް އެމްޑީ


  • ގޭހާ ގުޅުންހުރި ވަޞީލަތްތައް ވިއްކުމަށް ފިހާރައެއް ހުޅުވުވާނެ

  • 10 ފަންގިފިލާގހެ ޢިމާރާތެއް އަޅާނެ

އެއަރ ކޮންޑިޝަނަރ ގޭސް ބަލްކުކޮށް ރާއްޖެ ގެނެސް ހެޔޮ އަގުގައިވިއްކާނެކަމަށް މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ މުޙައްމަދު މިހެން ވިދާޅުވީ މޯލްޑިވް ގޭސް ކުންފުންޏަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

މޯލްޑިވް ގޭހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވީ ކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ މަސައްކަތްކުރާނެ ޖާގައިގެ ދަތިކަން ކަމަށެވެ. އެހެންކަމުން އަމާޒަކީ ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި 10 ފަންގިފިލާގެ އޮފީސް ޢިމާރާތެއް އެޅުންކަމަށް ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރު ވިދާޅުވީ ޢިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރަމުންދަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ބިން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

އެ ކުންފުނިން ކުރިއަށް އޮތް ތަނުގައި ކުރުމަށް ރާވާފައިވާ ގިނަ ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ. އެގޮތުން ގޭހާ ގުޅުންހުރި އެކި ވަޞީލަތްތައް ވިއްކުމަށް ޚާއްސަ ފިހާރައެއް ވަރަށް އަވަހަށް ހުޅުވާނެކަމަށް އޭނާ ވިދާޅުވިއެވެ.

މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ، އެއަރ ކޮންޑިޝަނަރ، އޭސީ މަރާމަތުކުރުމުގައި ބޭނުންކުރާ ގޭހުގެ ބާވަތް ބަލްކުކޮށް ރާއްޖެ އެތެރެކޮށް، ހެޔޮ އަގުގައި ވިއްކުމުގެ މަގު ފަހިކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ކައްކާ ގޭސް ހުސްނުވެ ލިބޭނެ އިންތިޒާމުވެސް ފުޅާކުރުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރު ވަނީ ކައްކާ ގޭސް ރައްކާކުރެވޭ ސްޓޯރޭޖް ބޮޑުކުރުމުގެ ޢަމަލީ މަސައްކަތްވެސް ފަށާފައި. އަންނަ އަހަރުގެ މެދަކާ ހިސާބުގައި 5 މަސް ދުވަހަށް ވާވަރަށް ގޭސް ރައްކާކުރުމުގެ އިންތިޒާމް ހަމަޖެހޭނެ." މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ މުޙައްމަދު ވިދާޅުވިއެވެ.

މޯލްޑިވް ގޭހަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދިދަ ނެގުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދުވަހުގެ މުނާސަބަތުގައި ކޭކެއް ވަނީ ފަޅާފައެވެ. އަދި އެކުންފުނީގެ ވެބްސައިޓު އަލުން ފަރުމާކޮށް، ލޯންޗުކުރިއެވެ.

މޯލްޑިވް ގޭސް އުފެދުނީ 1999 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ 3 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ އެ ކުންފުނިން ދޭން ފެށީ ކައްކާ ގޭހުގެ ޚިދުމަތެވެ. ނަމަވެސް އޭގެ ފަހުން 25 އަހަރު ވޭތުވެ، ކުންފުނީގެ ޚިދުމަތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.