ޚަބަރު

ސިޔާސީ ޕާޓީގެ މެންބަރުންގެ ދަފްތަރުން ވަކިވުމަށްއެދި މިހާރު އޮންލައިންކޮށް ހުށައެޅޭނެ


  • ޚިދުމަތަށް އޮންލައިންކޮށް ހުށައެޅޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށް

  • ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު ދެން ބޭނުންނުކުރާނެ

ސިޔާސީ ޕާޓީތަކުގެގެ މެންބަރުންގެ ދަފްތަރުން ވަކިވާން ބޭނުންނަމަ، އެކަމަށްއެދި އޮންލައިންކޮށް ހުށައެޅޭނެ ނިޒާމެއް އިލެކްޝަންސް ކޮމިޝަނުން ޤާއިމްކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މައި ޕޯޓަލް މެދުވެރިކޮށް މިހާރު ޕާޓީތަކުގެ ދަފްތަރުން ވަކިވުމަށް އެދި އޮންލައިން ފޯމެއް ހުށައެޅޭނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުގެ ދަފްތަރުން ވަކިވުމަށް ހުށައެޅޭގޮތަށް ބަދަލުކުރީ އެކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާކޮށް، ޑިޖިޓަލް ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީއަކުން ވަކިވުމަށް އެދޭނަމަ my.elections.gov.mv މެދުވެރިކޮށް އެދެވޭނެކަމަށް ކޮމިޝަނުން ވިދާޅުވެއެވެ. އަދި ޕޯޓަލް ފަރުމާކޮށްފައިވަނީ ހުށައަޅާ ހުށައެޅުމެއްގެ އަދާހަމަ ވަގުތުން ފެންނާނެހެންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މައި ޕޯޓަލް މެދުވެރިކޮށް ޕާޓީތަކުގެ ދަފްތަރުން ވަކިވެވޭ ޚިދުމަތް ދޭން ފެށުމާއެކު، މީގެކުރިން ބޭނުންކުރަމުން އައި "ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު" ބޭނުންކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މައި ޕޯޓަލްއަށް އީ-ފާސް ބޭނުންކޮށްގެން ލޮގިން ވެވޭނެއެވެ. މައި ޕޯޓަލުން މިހާރު ޖުމްލަ 3 ޚިދުމަތެއް ދެއެވެ. މީގެ ކުރިން ދެވޭ 2 ޚިދުމަތަކީ އިންތިޚާބަކާ ދިމާކޮށް ރީ-ރަޖިސްޓްރީވުމާއި އިންތިޚާބުތަކުގައި އީސީގެ އޮފިޝަލަކަށްވުމަށް އެދެވުމެވެ. އަދި މި ޕޯޓަލުން އިންތިޚާބުތަކާބެހޭ ތަފާތު މަޢުލޫމާތުތައްވެސް ލިބެއެވެ.

ނޭނގި ސިޔާސީ ޕާޓީ ބަދަލުކޮށްފައިވާނަމަ، އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އޭގެ ކުރިން އެމީހަކު ހުރި ސިޔާސީ ޕާޓީއަށް ބަދަލުކޮށްދޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް އިލެކްޝަން ކޮމިޝަނުން ދާދިފަހުން ވަނީ ބަދަލު ގެންނަވާފައެވެ.