ޚަބަރު

ޕާކިން ޢިމާރާތުން ސްލޮޓު ދޫކުރާނީ ދާއިމީކޮށް، ގަރާޖު ސިޓީވެސް ނެގޭނެ: ދަތުރުފަތުރާބެހޭ ވަޒީރު


  • 3920 ކާރު ޕާކިން، 3426 ސައިކަލު ޕާކިން ޖާގަ

  • %90 އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތައް

ހުޅުމާލޭގެ ޕާކިން ޢިމާރާތުން ވިއްކާ ސްލޮޓްތަކަކީ ގަރާޖު ސިޓީއާއެކު ދާއިމީކޮށް ލިބޭނެ ސްލޮޓްތަކެއްކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި 4000 ޕާކިން ސްލޮޓް ހިމެނޭގޮތަށް 15 ޕާކިން ޢިމާރާތް އެޅުމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީނާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި މަސައްކަތަކީ މާލޭގެ މަގުތަކުގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލައަށް ޙައްލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްފުޅުގެދަށުން ފަށްޓަވާ މަސައްކަތެއްކަމަށެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫޢުއާއެކު މާލެ ސަރަޙައްދުގެ ޕާކިން މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެކަމަށެވެ.

މި ސްލޮޓްތައް ވިއްކާނީ ދާއިމީކޮށްކަމަށާއި، އެތަނުން ގަރާޖު ސިޓީވެސް ނެގޭގޮތަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި ބިލްޑިންގައި، ޤާނުނުގައި އޮންނަ ގޮތަށް ވެހިކަލް ރެޖިސްޓްރީކުރެވޭނެ. ވަރަށް ބޮޑު މައްސަލައެއް ގަރާޖު ސިޓީ މައްސަލައަކީ. މިއާއެކު އެކަމަށްވެސް ބޮޑު ޙައްލެއް ލިބޭނެ. އެ ސްލޮޓަށް ގަރާޖު ސިޓީ ނެގޭނެ." ދަތުރާފަތުރާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ 15 ޢިމާރާތުގެ މަސައްކަތް ކުރިއަށްގެންދާނީ ދެ ފިޔަވައްސަކަށް ބަހާލައިގެންކަމަށެވެ. މިއަހަރު ނިމުމުގެ ކުރިން ކޮންޓްރެކްޓަރެއް ނަގައި މަސައްކަތް ފެށުމަށް މަސައްކަތް ކުރަމުންދާކަމަށާއި، ފުރަތަމަ އަހަރު 7 ޢިމާރާތުގެ މަސައްކަތް ނިންމުމަކީ ޢަމާޒުކަމަށް ފަޒުލް ވިދާޅުވިއެވެ.

އެ އިމާރާތްތަކުގައި ހިމެނޭނީ 3920 ކާރު ޕާކިން، 3426 ސައިކަލު ޕާކިން ޖާގައެވެ. ޢިމާރާތުގައި ހަދާ ޕާކިން ސްލޮޓްތަކުން %90 އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތައްކަމަށް ފަޟުލް ވިދާޅުވިއެވެ. އަދި %10 ކަނޑައަޅާނީ ވިޒިޓަރ ޕާކިން ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައެވެ. މީގެއިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ޕާކިން ޖާގަތައްވެސް ހިމެނޭނެއެވެ.

ފަޟުލް ވިދާޅުވީ މަޝްރޫޢު ހިންގާނީ އިމާރާތުގެ ބޭނުން ވިޔަފާރީގެ ބޭނުންތަކަށްވެސް ކުރެވޭގޮތަށްކަމަށެވެ.

"ސޯލާއިން ޢިމާރާތަށް ކަރަންޓު ދޭއިރު، ޕާކިންގެ ޚިދުމަތްތައް އޮޓަމޭޓް ކުރާނެ. މީގެއިތުރުން އެކި ކަހަލަ ވިޔަފާރިއަށް ދޫކުރާ ފްލޯގައި ކެފޭ ރެސްޓޯރަންޓްތަކާއި ވިޔަފާރިތައް ހިންގޭނެ. 24 ގަޑިއިރު ސަވައިލަންސް ނިޒާމެއްވެސް ހުންނާނެ." އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވިއެވެ.

ޕާކިން ބިލްޑިންގެ މަޝްރޫޢުގައި ސްލޮޓް ވިއްކާ ސަރަޙައްދު ތަރައްޤީކުރާނީ، ސޮލޮޓް ވިއްކާ ފައިސާއިން ކަވަރުކުރާގޮތަށެވެ. މި މަޝްރޫޢުގެ ކޮމާޝަލް ސަރަހައްދުތައް ހެދުމަށް ފަންޑުކުރާނީ އެޗްޑީސީންނެވެ.

ފަޟުލް ވިދާޅުވީ ސްލޮޓްތައް ވިއްކާނެ އަގުތަކާއި ގުޅޭގޮތުން މަޝްވަރާކުރަމުންދާކަމަށާއި، އަމާޒަކީ ވީހާވެސް ކުޑަ އަގުގައި ސްލޮޓްތައް ދޫކުރުންކަމަށެވެ. އެގޮތުން ބޭންކް މެދުވެރިކޮށްވެސް ފައިސާ ދެއްކޭނެ ގޮތް ހަދާނެކަމަށް ވިދާޅުވިއެވެ. މިގޮތުން ގަންނަ ސްލޮޓްތައް ވިޔަފާރީގެ އުސޫލުން ވިއްކުމުގެ ފުރުޞަތުވެސް، އެ ތަންތަން ގަންނަ ފަރާތްތަކަށް އޮންނާނެއެވެ.

މި މަޝްރޫޢުގެ މުޅި މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުންނެވެ.