ޚަބަރު

ތުރުކީގެ ސްކޯލަރޝިޕަށް 11 ދަރިވަރުން ފުރަނީ، ވަޒީރު އެދިވަޑައިގަތީ ޤައުމު ފަޚުރުވެރިކޮށްދިނުމަށް


  • މި ބުރުގައި ޑިގްރީ ހެދުމަށް 7 ދަރިވަރުން އަދި މާސްޓާސް ޑިގްރީއަށް 4 ދަރިވަރުން ފުރާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތުރުކީވީލާތަށް ކުރެއްވި ދަތުރުފުޅުގެތެރެއިން، އެޤައުމުގެ ސަރުކާރުން ރާއްޖެއަށް ދޭން ނިންމެވި މާތީ ތަޢުލީމުގެ ސްކޮލާޝިޕް ފުރުސަތުތަކުގައި 11 ދަރިވަރަކު ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެއްޖެއެވެ. ތުރުކީވިލާތަށް އެ ދަރިވަރުން ފުރުމުގެ ކުރިން އެކުދިންނަށް އަލްވަދާޢު ކިއުމަށް ޚާއްޞަ ރަސްމީއްޔާތެއް ވަނީ ބާއްވާފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމާއި ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާއެވެ. މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ސްކޮލާޝިޕަށް ހޮވިވަޑައިގަތް ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ފުރުސަތުގެ ބޭނުން ދަރިވަރުން ހިފައި ދިވެހި ރާއްޖެއަށް ރީތި ނަން ހޯއްދަވައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި މިފުރުސަތު ދިވެހިރާއްޖެއަށް ލިބިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ތުރުކީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މި ސްކޮލާޝިޕް ފުރުސަތުތައް ހޯއްދަވައި ދެއްވި. ތުރުކީއާއި އަޅުގަނޑުމެންގެ މި ލޮބުވެތި ވަޠަނާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރައްވައި، ދިވެހި ދަރިވަރުންނަށް ތަޢުލީމީ އިތުރުފުރުސަތުތަކެއް، މަގުފަހިކޮށްދެއްވީ އެ ދަތުރުފުޅުގައި. ސްކޮލާޝިޕް ހަޤީޤަތަކަށް ވެގެންދިޔައީ އެ މަނިކުފާނުގެ ހިތްވަރާއި މަސައްކަތްޕުޅުން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ތުރުކީވިލާތުގައި އެ ދަރިވަރުން ދިރިއުޅޭއިރު، އެދަރިވަރުންނަކީ ދިވެހިންކަން ހަނދާންކޮށް ދިނީކަންކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

މި ސްކޮލާޝިޕަށް 14 ދަރިވަރުން ހޮވިފައިވާއިރު، ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް ވިސާގެ ކަންކަން ނިމުނު 11 ދަރިވަރުން ފުރުމަށް ތައްޔާރުވެފައިވާކަމަށް މަތީ ތަޢުލީމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މި ރަސްމިއްޔާތުގައި، ބައިވެރިވި 11 ދަރިވަރުންނަކީ، ތުރުކީވިލާތުގައި ބެޗްލާރސް ޑިގްރީއަށް ކިޔެވުމަށް ހޮވުނު 7 ދަރުވަރުންނާއި، މާސްޓަރސް ޑިގްރީ ކިޔެވުމަށް ހޮވުނު 4 ދަރިވަރުންނެވެ.