ޚަބަރު

ހަންކެޑެ މަޝްރޫޢުގެ ދަށުން 560 ކޮޓަރި ތަރައްޤީކުރަން ދެ ކުންފުންޏަކާ ހަވާލުކޮށްފި


  • ކޮޓަރި ތަރައްޤީ ކުރަން ހަވާލުކުރީ އިންގިރޭސިވިލާތުގެ ކުންފުންޏާކާއި ޔޫއޭއީ ކުންފުންޏަކާ

އައްޑޫސިޓީ ހަންކެޑެގައި ކުރިއަށް ގެންދާ އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމެންޓް މަޝްރޫޢުގެ ދަށުން 560 ކޮޓަރި ތަރައްޤީކުރަން ދެ ކުންފުންޏަކާއި އެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި، ސޮއިކޮށްފައިވަނީ ދުބާއީގައި ކުރިއަށް ދިޔަ ފިއުޗަރ ހޮސްޕިޓަލިޓީ ސަމިޓުގެ ތެރެއިންނެވެ.

ހަންކެޑެ ޓުއަރިޒަމް މަޝްރޫޢުއަކީ، މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯރޕަރޭޝަނުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުށް ހަންކެޑެ ފަތުރުވެރިކަމަށް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ، ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެން.އީ.އީ.ސީ) އާއެވެ.

މިމަޝްރޫޢުގެ ދަށުން، ހަންކެޑެގައި ކޮޓަރިތައް ތަރައްޤީކުރުމަށް ދެ ކުންފުންޏާކާއި ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ސޮއިކުރި އެއް އެކުންފުންޏަކީ އިނގިރޭސި ވިލާތުގެ ކޮންޑުއިޓް ހައުސްއެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮކުރެއްވީ އެކުންފުނީގެ ސިއީއޯ ޖޯނަތަން ހީލީ އެވެ. މި އެއްބަސްވުމުގައި ފަންޑް މެނޭޖްމެންޓް ކުންފުނީގެ ފަރާތުން ސޮއިކުރީ އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަހުމަދު ނާޒިމެވެ.

އެކުންފުންޏާއި 335 ކޮޓަރި ތަރައްޤީކުރުމަށް ވަނީ ހަވާލުކޮށްފައެވެ. އެއީ ގްރޭންޑް ހޮޓަލްތަކާއި، ޑިލަކްސް ހޮޓެލްތަކާއި ބުޓީކް ހޮޓެލްތަކެއް ކމަށް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަނުން ވިދާޅުވެއެވެ.

ދެން ސޮއިކޮށްފައިވަނީ އެކުވެރި އަރަބި އިމާރާތުގެ ކުންފުންޏެއް ކަމަށްވާ ޓައިމް ހޮޓެލް އާއެވެ. މި އެއްބަސްވުމުގައި ޓައިމް ހޮޓެލްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ މުހައްމަދު އަވަދައްލާ އެވެ. މި އެއްބަސްވުމުގައިވެސް ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަނުގެ ފަރާތުން އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ނާޒިމް ވަނީ ސޮއިކޮށްފައެވެ.

އެކުންފުނީގެ ފަރާތުން 150 ކޮޓާރީގެ ގްރޭންޑް ހޮޓަލެއް ތަރައްޤީކުރާނެއެވެ. އަދި 75 ކޮޓަރީގެ ޑިލަކްސް ހޮޓަލެއް އެކުންފުނީގެ ފަރާތުން ހަންކެޑެގައި ތަރައްޤީކުރާނެއެވެ.

ސަރުކާރުން ވިދާޅުވީ ހަންކެޑެ ފަތުރުވެރިކަމުގެ މަޝްރޫޢު ނިމިގެން ދާއިރު އައްޑޫ ސިޓީގައި 2,082 އެނދު ހިމެނޭގޮތަށް 1,041 ކޮޓަރި ތަރައްޤީ ކުރެވޭނެކަމަށެވެ. މި މަޝްރޫޢުގެ ތެރެއިން ތަޢާރަފް ކުރެވޭ ތަފާތު ގިންތީގެ ހޮޓެލްތަކުގެ ތެރޭގައި 2 ގްރޭންޑް، 2 ޑިލަކްސް، އަދި 10 ބުޓީކް ހޮޓެލް ތަރައްޤީ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 64 ސަރވިސްޑް އެޕާރޓްމަންޓް ތަކުގެ އިތުރުން، 7 ބީޗް ވިލާވެސް މިމަޝްރޫޢު ތެރޭގައި ހިމެނިގެން ދާނެކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނުން ވިދާޅުވެއެވެ.