ޚަބަރު

ސަނަދު ހާސިލުކުރި ޙާފިޡުންނަށް އިނާމު ދެއްވުން ރާއްޖެ އިސްލާމްވި ދުވަހުގެ ޖަލްސާގައި


  • ޙާފިޡުކަމުގެ ސަނަދު ހާސިލުކުރި 28 ބޭފުޅަކަށް ރައީސް އިނާމު ދެއްވާނެ

ރާއްޖެ އިސްލާމްވި ދުވަހުގެ ރަސްމީ ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިނާމު ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ހިޖުރީ ގޮތުން ކޮންމެ އަހަރެއްގެ ރަބީޢުލްއާޚިރުމަހުގެ 2 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތުގެ އަލިން މުޅިރާއްޖެ އަލިވީ ދުވަހުގެ ގޮތުގައެވެ. ހިޖުރައިން 548ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ 2ވަނަ ދުވަހަކީ ފުރަތަމަ ފަހަރަށް ތައުޙީދުގެ މަތިވެރި ކަލިމައިގެ އަޑު މިދީބުގައި ގުގުމާލި ދުވަހެވެ.

ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތު ޔޫސުފުލް ބަރުބަރީއެވެ.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ.

ވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާއާ ގުޅޭގޮތުން ރައީސް އޮފީހުން ވިދާޅުވީ ޖަލްސާ އޮންނާނީ، އޮކްޓޯބަރު 5 ވަނަ ހެނދުނު 9 ޖަހާއިރު ދަރުބާރުގޭގައި ކަަމަށެވެ.

މި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވާހަކަފުޅު ދައްކަވާނެއެވެ. މި ޖަލްސާގައި އޮންނާނެ އެންމެ ޚާއްޞަ އެއްކަމަކީ، ޙާފިޡް ކަމުގެ ސަނަދު ހާސިލުކުރި ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި، އިނާމާއި، ހަނދާނީ ލިޔުން ދެއްވުމެވެ. މި ޖަލްސާގައި 28 ޙާފިޡަކަށް ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެއެވެ.